ޤައުމީ އެއަރލައިން މޯލްޑިވިއަނުން ސްރީލަންކާއަށް އުދުހުންތައް ބޭއްވުމަށް އެޤައުމުން ހުއްދަ ދީފިއެވެ.
މޯލްޑިވިއަނުން މީގެ ކުރިންވެސް ސްރީލަންކާއަށް އުދުހުންތައް ބޭއްވިއެވެ. ނަމަވެސް އުދުހުންތައް ކެންސަލް ކުރީ ޑިމާންޑް ނެތުމުންނެވެ. ނަމަވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އަލުން ދަތުރުތައް ބޭއްވުމަށް ލަންކާއިން ހުއްދަ ދިން ނަމަވެސް ސަރުކާރު ބަދަލުވެ މިހާތަނަށް އާއިރުވެސް އުދުހުންތައް ބާއްވާފައެއް ނުވެއެވެ. އަދި މިހާތަނަށް އުދުހުންތައް ފަށާފައި ނުވާނީ ކީއްވެގެންކަންވެސް ހާމަކޮށްފައެއް ނުވެއެވެ.
ސްރީލަންކާގެ ޑެއިލީ ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކޮށްފައިވާގޮތުން އެޤައުމުގެ ސިވިލް އޭވިއޭޝާން އޮތޯރިޓީން ވަނީ ދެ އެއަރލައިނަކަށް އެޤައުމަށް ފްލައިޓް އޮޕަރޭޓްކުރުމަށް ހުއްދަ ދީފައެވެ. އެއީ ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އާއި އިތިއޯޕިއާގެ އެއަރލައިންއެވެ.
މޯލްޑިވިއަނުން ސްރީލަންކާއަށް އުދުހުންތައް ބޭއްވުމުގެ ހުއްދަ ދީފައިވާއިރު، މޯލްޑިވިއަނުން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
10 މަހަށްފަހު ލަންކާގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ކޯވިޑް-19 އާއި ގުޅިގެން މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތައްވަނީ ހުއްޓިފައެވެ. ނަމަވެސް މިހާރު އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން ލަންކާއަށް ދަތުރުތަކެއް އެ އެއަރލައިނުން ދަނީ ބާއްވަމުންނެވެ.
ކޮމެންޓު ފޮނުވާ