ޑްރަގް އެޖެންސީއަށް އިޞްލާހު ގެންނަންޖެހޭ: ރައީސް ނަޝީދު

ޑްރަގް އެޖެންސީއަށް އިޞްލާހު ގެންނަންޖެހޭ: ރައީސް ނަޝީދު

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2021 09:48
0

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އަށް އިޞްލާހު ގެނަންޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ބަރަހަނާ ޙާލުގައި ހުރެ އިސްލާމީ މަރުކަޒަށް ބިދޭސީއަކު ބަދެފައިވާތީ އެއީ ޤާނޫނުގައި އޮތް އެންމެ ބޮޑު އަދަބު ކަނޑައެޅެންޖެހޭކަމެއްކަމަށް ބުނެ ބައެއް ފަރާތްތަކުން އެވީޑިއޯ ޢާންމުކުރުމުން، އެއަށްް ދެއްވި ޖަވާބުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ނެޝަނަލް ޑްރަގް އެޖެންސީ އަށް އިޞްލާޙު ގެންނަންޖެހިފައިވާކަމީ ޝައްކު ހިނގާކަމެއް ނޫންކަމަށާއި، މަސައްކަތް ފަސްވެ ލަސްވުމަކީ މުޅި ރާއްޖެއަށް ލިބޭ ބޮޑު ގެއްލުމެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާލުވެފައިވާއިރު، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ ކަންކަން ކުރިޔަށް ގެންދާ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯކަމަށް ދާދިފަހުން ވަނީ ބޭފުޅަކު އައްޔަންކުރައްވާފައެވެ. އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މުހައްމަދު ހަބީބްއެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރެވޭ މީހުން، ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށް އަމާޒުކޮށް އެކި އިދާރާތަކުން ރާވާފައިވާ ޕްރޮގްރާމްތައް ހިންގޭނެ ދާއިމީ ނިޒާމެއް ބިނާކުރެވިގެންކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ނަމަވެސް ބައެއް މީހުން ޝަރުއީ ނިޒާމުން ނުވަތަ އެނޫންވެސް ގޮތްގޮތުން ދޫވަމުން އަންނަކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން އަންނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.