ރައީސް ޔާމީންގެ ޙުކުމް ގޯސްކަމަށް ރަޢުޔު ނެރުނު ފަނޑިޔާރުގެ މައްސަލަ ބަލަނީ

ރައީސް ޔާމީންގެ ޙުކުމް ގޯސްކަމަށް ރަޢުޔު ނެރުނު ފަނޑިޔާރުގެ މައްސަލަ ބަލަނީ

Author
މުޙައްމަދު ޖިމީ
23 ޖެނުއަރީ 2021 04:28
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އިއްވާފައިވާ 5 އަހަރު ދުވަހުގެ ޖަލު ހުކުމަކީ ގޯސް ނިންމުމެއްކަމަށް ހައިކޯޓުގައި ރަޢުޔު ނެރުއްވި ފަނޑިޔާރު ޙުސައިން ޝަހީދާއި ގުޅޭ ދެ މައްސަލައެއް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަމުން އަންނަކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ފަނޑިޔާރު ޝަހީދާއި ގުޅޭގޮތުން ޖޭއެސްސީން ބަލަމުން އަންނަނީ 2019 ވަނަ އަހަރު އެކޮމިޝަނަށް ހުށައަޅާފައިވާ ދެ މައްސަލައެވެ. ނަމަވެސް އެކޮމިޝަނުން ޝަހީދާއި ގުޅޭގޮތުން ބައްލަވަމުން އަންނަ މައްސަލަތަކުގައި މިހާތަނަށް އެއްވެސް ގޮތެއް ނިންމަވާފައެއް ނުވެއެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އޯގަސްޓް 19 ގައި ހުށައަޅާފައިވާ، ވަކި ފަރާތަކަށް މަސްލަހަތު އިސްކޮށްފައިވާކަމަށް ބުނާ މައްސަލައަކާއި، އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ހުށައެޅި، އިޖްރާއަތްތަކާއި ދެކޮޅަށް އިސްތިއުނާފީ މައްސަލައެއް ހިންގިކަމަށް ބުނާ މައްސަލައެވެ. އެމައްސަލަތަކުގައި ޝާހީދަށް ޖަވާބުދާރީވުމަށް މިހާރު އަންގާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރަށް ޖަލަށްލައި ފަސްމިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ ހައިކޯޓްގައި އިސްތިއުނާފްކުރުމުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ދެ ފަނޑިޔާރުން ނިންމަވާފައިވަނީ ދަށު ކޯޓްގެ ނިންމުން ރަނގަޅުކަމަށެވެ. ނަމަވެސް އެ ނިންމުން ގޯސްކަމަށް ރަޢުޔު ނެރެފައިވަނީ ފަނޑިޔާރު ޙުސައިން ޝަހީދެވެ.

ފަނޑިޔާރު ޝަހީދުގެ ރަޢުޔުގައި އެސްކްރޯ އެކައުންޓައި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބޭނުންވެއްޖެ ހިނދެއްގައި ދައުލަތަށް އެއް މިލިއަން ޑޮލަރު ނެގޭކަން އެއްބަސްވުމުގައި ބަޔާންކުރާއިރު، އެކޮމިޝަންގެ އޭރުގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދުގެ ހެކިބަހުން އެކަން އެނގޭކަން ފާހަގަކުރެވޭކަމަށެވެ. އަދި ޝަހީދު ވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ކޮށްފައިވަނީ ސައްޙަ ވިޔަފާރިގެމުއާމަލާތެއްކަމަށާއި، އެއީ ސައްޙަ ނޫން ވިިޔަފާރިއެއެއްކަން ނުވަތަ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް އެކުންފުނީގެ އެކައުންޓަށް ވަދެފައިވާކަން ދައުލަތަށް ސާބިތުކޮށް ދެވިފައިނުވާކަމަށްވެސް ފަނޑިޔާރު ޝަހީދު ވިދާޅުވިއެވެ.

ފަނޑިޔާރު ޝަހީދުގެ ރަޢުޔުގައި، ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހެކިންގެ ގޮތުގައި ހުށައަޅާ ހެކިބަސް ނަގާފައިވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބް ޢަބްދުލްޣަފުރާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތަކީ ފާސިޤުންކަމަށް ބެލެވޭއިރު، އެދެމީހުންގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.