މިހާތަނަށް ކުރި އެންމެ ބޮޑު ޖޫރިމަނާ ފައިސާގެ ޙުކުމް ހައިކޯޓުން ބާޠިލުކޮށްފި

މިހާތަނަށް ކުރި އެންމެ ބޮޑު ޖޫރިމަނާ ފައިސާގެ ޙުކުމް ހައިކޯޓުން ބާޠިލުކޮށްފި

Author
މުޙައްމަދު ޖިމީ
23 ޖެނުއަރީ 2021 09:42
0

މިހާތަނަށް ރާއްޖޭގެ ކޯޓަކުން ނަގައިދިނުމަށް ޙުކުމްކުރި އެންމެ ބޮޑު ޖޫރިމަނާގެ ޙުކުމް ހައިކޯޓުން ބާޠިލްކޮށްފިއެވެ.

އެއީ 2016 ވަނަ އަހަރު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެކެވެ. އެމައްސަލައަކީ އަމިއްލަ ފަރުދުންތަކެއްގެ މެދުގައި ހަދާފައިވާ އެއްވަސްވުމެއްގެ ދަށުން 227،000 ރުފިޔާ ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި 286 މިިއަން ރުފިޔާ ނަގައިދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމެކެވެ.  އެ ޙުކުމް ކޮށްފައިވަނީ އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ އެއްބަސްވުމުގެ 13 ވަނަ މާއްދާގައި އެއްބަސްވެފައިވާ ގޮތުގެ މަތީން ދައްކަން ޖެހޭ %80 ވާ ޖޫރިމަނާ ފައިސާއާއި، އަދި ވަކީލުގެ އުޖޫރައަށްވާ 20،000 ރުފިޔާ އެކީ އެއްފަހަރާ ނަގައިދިނުމަށެވެ.

އެގޮތުން ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ވަނީ ޖޫރިމަނާގެ ގޮތުގައި ނަގައިދޭން ކޯޓުން ހުކުމްކުރި އަދަދު މަހެއްގެ މައްޗަށް 20،000 ރުފިޔާގެ މަގުން ދައްކައި ޚަލާޞްކުރުމަށެވެ. އެ ފައިސާ އެގޮތަށް ދައްކާނަަމަ، 1،000 އެތައް އަހަރެއް ފައިސާ ދެއްކުމަށް ނަގާނެކަމަށް ބުނެފައިވެއެވެ.

ސިވިލް ކޯޓްގެ ޙުކުމުގައި، ފައިސާ ނުދައްކައި ވޭތުވެދިޔަ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި 182،056 ރުފިޔާ ދައްކަން ޖެހޭނެކަމަށް ބުނެފައިވެއެވެ. އެހެންކަމުން، މުދަލުގެ އަގު އަދާކުރުމަށް ދީފައިވާ އެންމެ ފަހުގެ ޑޭޓެޑް ޗެކުގެ ތާރީޚުކަމުގައިވާ 7 ސެޕްޓެމްބަރު 2007 އިން ފެށިގެން އެ ދައުވާގައި ޖޫރިމަނާ ފައިސާ ހޯދުމަށް އެދިފައިވާ އެންމެ ފަހު ތާރީހު ކަމުގައިވާ 29 ޑިސެންބަރު 2022ގެ ނިޔަލަށް ވޭތުވެފައިވާ 1572 ދުވަހަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 286،192،032 ރުފިޔާ އާއި ވަކީލް އުޖޫރައަށް ދޭން އެއްބަސްވެފައިވާ 20،000 ރުފިޔާއާއެކު ޖުމްލަ 286،439،602 (286 މިލިއަން) ރުފިޔާ ދިނުމަށެވެ.

މި މައްސަލާގައި ފައިސާ ދައްކަންޖެހޭ ދެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި، މި މައްސަލަ ބައްލަވައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުގެ އިއްތިފާޤުން ކުރި ހުކުމުގައި މަދަނީ އެއްބަސްވުންތަކުގެ ދަށުން ޖޫރިމަނާ ނެގުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ ކަމެއް ކަމުގައިވީ ނަމަވެސް ޖޫރިމަނާގެ ގޮތުގައި ނަގައިދޭ މިންވަރު މާ ބޮޑުވެގެން ނުވާނެ ކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި ޖޫރިމަނާގެ ގޮތުގައި ނެގުމަށް އެއްބަސްވުމުގައި އޮންނަ މިންވަރަކީ މާ ބޮޑު މިންވަރެއް ކަމުގައިވާނަމަ، އެ ޙާލަތުގައި ކޯޓުތަކުން އެ މިންވަރު މަދުކުރުމަކީ ކުރެވޭނެ ކަމެއްކަމުގައި ބައިނަލްއަޤުވާމީ އިސްލާމީ ފިޤުހު އެކަޑެމީގެ ޤަރާރެއްގައި ބުނެފައިވާކަމަށްވެސް ހައިކޯޓު ހުކުމުގައިވެއެވެ.

އަދި ޖޫރިމަނާގެ ގޮތުގައި ނެގޭނީ ދައްކަންޖެހޭ އަސާސީ އަދަދަށްވުރެ އިތުރުނުވާ މިންވަރެއް ކަމަށްވެސް ހައިކޯޓްގެ ހުކުމުގައި ބުނެފައިވެއެވެ. އެއަށްވުރެ ބޮޑު އަދަދެއް ނެގޭނީ އަސާސީ މިންވަރު ނުދެއްކުމުން ލިބޭ ގެއްލުން ދައްކަން ޖެހޭ އަސްލު މިންވަރަށްވުރެ އިތުރުވާކަން ސާބިތުކޮށްދީގެން ކަމަށްވެސް ހައިކޯޓުގެ ހުކުމުގައިވެއވެ. މި މައްސަލާގައި ފައިސާ ލިބެންޖެހޭ ފަރާތަށް 286 މިލިއަން ރުފިޔާގެ ގެއްލުން ލިބުނުކަން ސާބިތުނުވާކަމަށް އެ ހައިކޯޓްގެ ޙުކުމުގައިވެއެވެ.

ހައިކޯޓްގެ ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ޙުކުމުގައި ވަނީ ޖޫރިމަނާގެ ގޮތުގައި 286 މިލިއަން ރުފިޔާ ނަގަން އޮތް ބައި ބާޠިލުކޮށް އޭގެ ބަދަލުގައި ދައްކަންޖެހޭ އަސްލު އަދަދާ އެއްވަރަށް 227،570 ރުފިޔާ ޖޫރިމަނާގެ ގޮތުގައި އެއް މަސް ތެރޭގައި ދެއްކުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.