މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައިވާތީ ހޮރައިޒަނަށް ފިޔަވަޅު އެޅުމަށް ފިރުޝާން ގޮވާލައްވައިފި

މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައިވާތީ ހޮރައިޒަނަށް ފިޔަވަޅު އެޅުމަށް ފިރުޝާން ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
23 ޖެނުއަރީ 2021 08:51
0

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ހިއްސާއޮންނަ ހޮރައިޒަން ފިޝަރީޒް ކުންފުނިން އެތަނުގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައިިވާ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ، އެމައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް ފިޔަވަޅު އަޅައިދިނުމަށް މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ސަރުކާރަށް ގޮވައްލައްވައިފިއެވެ.

މެންބަރު ފިރުޝާން ވަނީ ކޯވިޑް-19އާއި ގުޅިގެން ހޮރައިޒަން ހޯނޑެއްދޫ ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައިވާ ގޮތުގެ ސިޓީއާއި، މުސާރައިގެ ތަފްސީލް ޓްވިޓާގައި ހިއްސާކުރައްވާފައެވެ.

ހޮރައިޒަން ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރ ސިޔާދު ޤާސިމް ސޮއިކުރައްވާ އެކުންފުނީގެ މުވައްޒަފުންނަށް ފޮނުވާފައިވާ ސިޓީގައި ވަނީ ކޯވިޑް-19އާއި ގުޅުގެން ރައްޖެ އަންނަ ޓޫރިސްޓުންގެ ޢަދަދު މަދުވެ އެކުންފުންނަށް އާމްދަނީ ލިބޭ ހަމައެކަނި ގޮތަކީ ރިސޯޓްތައްކަމަށްވެސްފައި، ގެސްޓުން އަންނަ ޢަދަދު މަދުވުމުގެ ސަބަބުން އާމްދަނީ ދަށްވެފައިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މުވައްޒަފުންގެ މުސާރަ އުނިކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ފިރުޝާން ހިއްސާކޮށްފައިވާގޮތުން، ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 1750 ރުފިޔާ ވަނީ ލިބިފައެވެ. އެހެންކަމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ފިރުޝާން ވިދާޅުވީ، ހޮރައިޒަން ފިޝަރީޒް އިން އެކުންފުނީގެ ހޯނޑެއްދޫ ސައިޓްގެ މުވައްޒަފުންގެ މުސާރަ ކޯވިޑް-19އާއި ގުޅިގެން ކަނޑަން ނިންމިގޮތް އަދި ކޯވިޑާއި ގުޅިގެން މުސާރައިގެ ގޮތުގައި ދޭ ޢަދަދަކީ މުވައްޒަފުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަމަށް ވިދާޅުވެފައެވެ. ހޮރައިޒަންގެ މައްސަލަ ހައްލު ނުވެ، މުވައްޒަފުން ހާލުގައި ޖެހުމަކީ ކަންބޮޑުވާކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުން ހޮރައިޒޮން މައްސަލައަށް އަޅުގަނޑުމެންނަށް ހައްލެއް ހޯއްދަވައި ދެއްވަން ޖެހޭ. ހޮރައިޒަން ފިޝަރީޒް އޮޕަރޭޝަނަށް ގެނައުމަށް ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް.

މިނިސްޓަރ ޒަހާ ވަޒީދާއ ޤާސިމް އިބްރާހީމް ޓެގްކުރައްވާ ފިރުޝާން ވިދާޅުވިއެވެ.

މެންބަރު ފިރުޝާން މިހެން ވިދާޅުވެފައިވާއިރު، ޤާއިމް އިބްރާހީމްގެ ހިއްސާ އޮންނަ ކުންފުނިތަކުން ކޯވިޑާއި ގުޅިގެން މުވައްޒަފުންގެ މުސާރަ ކުޑަކުރުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ. އަދު ކުޑަކުރި މުސާރަ އަދިވެސް އިއާދަކޮށްދީފައި ނުވާކަމަށް މުވައްޒަފުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.