ކޮންމެ އިންސާނަކަށްވެސް ދުވާލަކު 8 ގަޑިއިރުގެ ނިދި ބޭނުންވެއެވެ. ނަމަވެސް ކޯވިޑް-19ގެ ޕެންޑަމިކްގެ ސަބަބުން މިއަދު ވަނީ ގިނަ ބައެއްގެ ނިދުމަށްވެސް އަސަރުކޮށްފަ އެވެ. ކޯވިޑުގެ ސަބަބުން އެންމެން ވެސް އަބަދު ހާސްކަމެއްގެ ތެރޭގައި އުޅެމުންދާއިރު ނިންޖަކީ ހަށިގަނޑު ތާޒާކޮށް ބެހެއްޓުމަށާއި ދުވާލު ހެލިފެލިވެ އުޅުމަށް މުހިންމު އެއްޗެކެވެ.
އެހެންކަމުން ނިދަން އުނދަގޫ ވާނަމަ ތިރީގައިމިވާ ކަންތައްތައް ކޮށްލާށެވެ.
- ކޮފީ ބުއިން މަދުކުރުން
ކޮފީއަކީ ބުއިމުން ސިކުނޑިއަށް އަސަރުކުރާއެއްޗެކެވެ. އެހެންކަމުން ނިދާ ގަޑިއާ ކައިރިކޮށްފައި ކޮފީ ބުއިން މުޅިން ހުއްޓާލާށެވެ. އަދި ދުވާލު ގަޑީގައި ކޮފީ ބުއިން މަދުކޮށްލުމުންވެސް ރޭގަނޑު ނިދަން ފަސޭހަވާނެއެވެ.
- ދުވާލު އެހާ ގިނައިން ނުނިދުން
ވަރުބަލި ވުމުން ކުޑައިރުކޮޅަކު ނިދާލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ދުވާލު ގިނަ ވަގުތު ނިދާނަމަ ރޭގަނޑު ނިންޖެއް ނާންނާނެއެވެ.

- ނިދާކޮޓަރި ނިދުމަށް ތައްޔާރުކުރުން
ބޮކިތައް ނިއްވާލުމާއި އަޑުމަޑުކުރުން އަދި ފަރުނީޗަރު ތަކާއި އެހެންތަކެތި ތަރުތީބުކޮށްލައި ނިދަން އޮށޯތުމުން އަވަހަށް ނިދި އަންނާނެއެވެ.
- ނިދާ ގަޑި ކައިރިވުމުން ކެއުން
ނިދުމުގެ 3 ގަޑިއިރު ކުރިން ކާން ޖެހެއެވެ. ސަބަބަކީ އޭރުން ބަނޑުގައި ވާ ކާތަކެތި ހަޖަމްވާން ފަސޭހަވާނެއެވެ. ނަމަވެސް ހަމަ ކައި ނިންމާލާގޮތަށް ނިދުމަކީ ރަނގަޅުގޮތެއް ނޫނެވެ.
- ފެންވެރުން
މިއީ އެންމެ ފަސޭހަގޮތެވެ. ފެންވެރުމުން ވަރުބަލިކަން އިހުސާސްވެ ނިދި އަންނަ ގޮތްވާނެއެވެ. އަދި ފެންވެރުމަށް ފަހު ހޫނުފެންކޮޅަކުން ފައި ދޮވެލަނިކޮށްވެސް ނިދުމަށް ފަސޭހަވާނެއެވެ.
ކޮމެންޓު ފޮނުވާ