މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ އެންމެހައި ދިވެހިންގެ ޙާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، މާތްﷲގެ ހެޔޮ ރަޙުމަތްފުޅާއެކު ދިވެހި ޙައްޖުވެރިންގެ ޙާލު އަމާންކަމަށާއި، އެ އެންމެންވެސް މިހާރު ޢަރަފާތު ބިމުން ނުކުމެ މުޒްދަލިފާއަށް ވާޞިލުވެފައިވާ ކަމަށެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން ޖުމްލަ 1،019 މީހުން ބައިވެރިވެފައިވެއެވެ. އަޅުކަމުގެ ކަންކަން ފުރިހަމަކުރުމަށްފަހު، ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ގޮސްފައިވާއިރު، ސަޢުދީ އަރަބިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ބޭރު ޤައުމުތަކުން އެކަނިވެސް 1.5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެ ޤައުމަށް އެތެރެވިފައެވެ. އަދި ސަޢުދީގެ އެތެރޭގެ ޙައްޖުވެރިންނާއެކު މިއަހަރު ޙައްޖުކުރާ މީހުންގެ ޖުމްލަ އަދަދު 1.6 މިލިއަނަށްވުރެ މައްޗަށް ދާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ކޮމެންޓު ފޮނުވާ