މިއަހަރުގެ ހައްޖުގެ އަޅުކަމާ ދިމާކޮށް، ހުއްދަ ނެތި މީހުން ހައްޖަށް ގެންދަން އުޅުނު 38 މީހަކު ސައުދީ އަރަބިއްޔާގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފިއެވެ.
މައްކާގެ އެކި ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ސައުދީ ރައްޔިތުންނާއި ބިދޭސީން ވެސް ހިމެނެއެވެ. އެގޮތުން ފަރުބަދަމަތީގެ ކުދި މަގުތަކުން ސިއްރުން މީހުން އެތެރެކުރަން އުޅުނު ޔަމަނުގެ ބަޔަކާއި، ހުއްދަ ނެތި މައްކާއަށް ވަންނަން އުޅުނު ތުރުކީގެ އަށް މީހަކު ވެސް ސަލާމަތީ ބާރުތަކުން ވަނީ އަތުލައިގެންފައެވެ.
މިކަމާ ގުޅިގެން ސައުދީ ދާހިލީ ވުޒާރާއިން ވަނީ ގަވާއިދާ ހިލާފަށް މީހުން އުފުލާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެގޮތުން މީހުން އުފުލާ ފަރާތްތައް 100,000 ސައުދީ ރިޔާލަ (26,700 ޑޮލަރު) ން ޖޫރިމަނާކޮށް، އެކަމަށް ބޭނުންކުރާ އުޅަނދު ދައުލަތަށް ނެގުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ހުއްދަ ނެތި ހައްޖުވާން އުޅޭ ކޮންމެ މީހަކު 20,000 ރިޔާލަ (5,400 ޑޮލަރު) ން ޖޫރިމަނާކުރާނެއެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފުވާ ބިދޭސީންގެ އަދަބު ތަންފީޒުކުރުމަށްފަހު ގައުމުން ޑިޕޯޓުކޮށް، ކުރިއަށް އޮތް 10 އަހަރަށް ސައުދީއަށް އެތެރެނުވެވޭ ގޮތަށް ބްލެކްލިސްޓު ކުރާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ އަންގާފައެވެ. 1.5 މިލިއަނަށްވުރެ ގިނަ މީހުންނާއެކު މިއަހަރުގެ ހައްޖުގެ އަޅުކަން މިހާރު ވަނީ ފަށާފައެވެ.
ކޮމެންޓު ފޮނުވާ