މިއަހަރުގެ ޙައްޖު މޫސުމުގެ އެންމެ މުހިންމު ދެ ޚުޠުބާ ކަމަށްވާ ޢަރަފާތް ދުވަހުގެ ޚުޠުބާއާއި އަޟްޙާ ޢީދު ނަމާދުގެ ޚުޠުބާ ދެއްވުމަށް، މަސްޖިދުއްނަބަވީގެ މަޝްހޫރު އިމާމު ޝައިޚް ޢަލީ އަލްޙުޛައިފީ އާއި އެމަނިކުފާނުގެ ދަރިކަލުން ހަމަޖައްސަވައިފިއެވެ.
ސައުދީ އަރަބިއްޔާގެ ރޯޔަލް ކޯޓުން މިގޮތަށް ނިންމަވާފައިވާއިރު، ޢަރަފާތް ދުވަހު މަސްޖިދު ނަމިރާގައި ޚުޠުބާ ވިދާޅުވާނީ ފަޟީލަތުއްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޛައިފީއެވެ. އަދި މަދީނާގެ މަސްޖިދުއްނަބަވީގައި އަޟްޙާ ޢީދު ނަމާދު އިސްވެ ކުރައްވައި، ޚުޠުބާ ދެއްވުމުގެ މަތިވެރި ޝަރަފު އެރުވިފައިވަނީ އެމަނިކުފާނުގެ ދަރިކަލުން ޝައިޚް އަޙްމަދު އަލްޙުޛައިފީއަށެވެ.
މިއީ އިސްލާމީ ތާރީޚުގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަފަދަ ޚާއްޞަ ކަމެކެވެ. އެއް އާއިލާއެއްގެ ބައްޕައަކާއި ދަރިއަކަށް ޙައްޖު މޫސުމުގެ މިފަދަ އެންމެ ބޮޑު ދެ މަސްއޫލިއްޔަތު އެއްފަހަރާ ހަވާލުކުރެއްވުމަކީ، އަލްޙުޛައިފީގެ ޢާއިލާއަށް ލިބުނު ވަރަށް ބޮޑު ތާރީޚީ ފަޚުރެކެވެ. މިއީ މަސްޖިދުއްނަބަވީގައި އެތައް އަހަރެއް ވަންދެން އިމާމުވެ ނަމާދުކުރައްވައި، ޝައިޚް ޢަލީ އަލްޙުޛައިފީ އިސްލާމީ އުންމަތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމުގައި ބެލެވެއެވެ.
ބައްޕާފުޅު ޢަރަފާތުގެ މާތް ބިމުގައި ހުންނަވައިގެން މުޅި އިސްލާމީ އުންމަތަށް ޚުޠުބާ އިއްވަވާއިރު، ދަރިކަލުން މަދީނާގައި ޢީދު ޚުޠުބާ ދެއްވުމަކީ ދީނީ ޢިލްމާއި އިސްވާރުކަން އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުންދާކަން ދައްކުވައިދޭ ފުރިހަމަ މިސާލެކެވެ. ޢަރަފާތް ދުވަހުގެ ޚުޠުބާއަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓޭ، އިސްލާމީ އެއްބައިވަންތަކަމާއި ސުލްހައިގެ މުހިންމު މެސެޖުތަކެއް ފޯރުކޮށްދޭ ޚުޠުބާއަކަށް ވާއިރު، މި ފުރުޞަތު އެއް ޢާއިލާއެއްގެ ދެބަފައިކަލުންނަށް ލިބުމަކީ މުޅި އުންމަތުގެ ސަމާލުކަންވެސް ލިބިގެންދިޔަ ކަމެކެވެ.
ކޮމެންޓު ފޮނުވާ