އީދު ބަންދާ ދިމާކޮށް ބަލިތައް ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އީދު ބަންދާ ދިމާކޮށް ބަލިތައް ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

Author
އަހުމަދު
26 މެއި 2026 01:20
0

މާލެ އާއި އަތޮޅުތެރޭގައި ޑެންގީ އާއި އަރިދަފުސް ރޯގާގެ އިތުރުން ހިމަބިހި ފެތުރެމުންދާތީ، ކުރިއަށް އޮތް އީދު ބަންދުގައި އެކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު އާންމު ބަލިތައް އިތުރުވެފައިވާ ކަމަށާއި، އަދި މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއްވެސް ދާދިފަހުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ކުރިއަށް އޮތީ ދިގު ޗުއްޓީއެއް ލިބޭ އީދު ދުވަސްވަރު ކަމަށްވުމާއެކު، ގިނަ ބަޔަކު އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރުކޮށް، މީހުން އެއްވެ އުޅުން އިތުރުވާނެތީ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއްކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.

ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން، ހުން އައުން ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެންނަނަމަ ގޭގައި މަޑުކުރުމަށާއި، މީހުން އެއްވާ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި ބަލިވެގެން ޑޮކްޓަރަށް ދާއިރު މާސްކު އެޅުމަށާއި، އެއާޕޯޓާއި ފެރީ ޓާމިނަލް ފަދަ ބަންދު އަދި މީހުން ގިނަ ތަންތަނުގައިވެސް އަނގައާއި ނޭފަތް ނިވާވާނެހެން މާސްކު ބޭނުންކުރުމުގެ އިތުރުން ސައިބޯނިލައިގެން ގިނަގިނައިން އަތް ދޮވުމަށް ވަނީ އިރުޝާދުދީފައެވެ. މީގެ އިތުރުން ހިމަބިއްސަށް ޝައްކުވެގެން ޓެސްޓުކޮށްފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށާއި، ވެކްސިނުން ރައްކާތެރިކަން ލިބޭ ބަލިތަކަށް ވެކްސިން ފުރިހަމަކުރުމަށްވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ފަދަ ބަލިތަކުން ސަލާމަތްވުމަށް ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށާއި، ގޭތެރެއާއި ގޯތިތެރޭގައި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަށްވެސް އެޗްޕީއޭއިން ވަނީ ގޮވާލާފައެވެ. އަދި އާންމު ސިއްޙަތާ ގުޅުންހުރި މައުލޫމާތު ހޯދުމުގައި އަބަދުވެސް ރަސްމީ އިދާރާތަކުގެ މައުލޫމާތަށް ބަރޯސާވުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.