މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ދަތުރުފަތުރުގެ ދަތިތަކާއެކު ވެސް، މިއަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް އެހެން ގައުމުތަކުން ދިޔަ މީހުންގެ އަދަދު 1.5 މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ހައްޖު ޕާސްޕޯޓް ފޯސަސްގެ ކޮމާންޑަރު ސާލިހް އަލް-މުރައްބާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މިހާތަނަށް ގައުމުން ބޭރުން އައި ހާޖީންގެ ޖުމްލަ އަދަދު ވަނީ 1,518,153 އަށް އަރާފަ އެވެ. އަދި ހޯމަ ދުވަހު ރަސްމީކޮށް ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން ހައްޖުވެރިންގެ އަދަދު މިއަށްވުރެ ވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ސައޫދީން ބޭރުން ހައްޖުގެ އަޅުކަމަށް ގޮސްފައިވަނީ 1,506,576 މީހުންނެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މިއަހަރު ހައްޖުވެރިންގެ އަދަދު އިތުރުވެފައި މިވަނީ، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އީރާނުން ރައްދުގައި ސައޫދީ އަރަބިއްޔާ އާއި ގަލްފުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި އެވެ.
މިކަމުގެ ސަބަބުން ވައިގެ ސަރަހައްދުތައް ބަންދުކުރަން ޖެހި، ޓިކެޓުގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔަ އެވެ. އަދި ޔޫއޭއީ، ގަތަރު އަދި ބަހުރޭން ފަދަ ގަލްފުގެ ބޮޑެތި އެއާލައިންތަކަށް ފްލައިޓްތައް ކެންސަލްކުރަން ޖެހި، އެ ހާލަތުން އަރައިގަތުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް މި ހުރިހާ ދަތިތަކަކާއި ހުރަސްތަކާއެކު ވެސް، މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ވަނީ މައްކާއަށް ޖަމާވެފަ އެވެ.
ކޮމެންޓު ފޮނުވާ