ތައިލެންޑުގެ ވިސާ އުސޫލަށް ބޮޑު ބަދަލެއް: ވިސާއާ ނުލައި ދިވެހިންނަށް ދެން ތިބެވޭނީ އެންމެ 15 ދުވަހު

ތައިލެންޑުގެ ވިސާ އުސޫލަށް ބޮޑު ބަދަލެއް: ވިސާއާ ނުލައި ދިވެހިންނަށް ދެން ތިބެވޭނީ އެންމެ 15 ދުވަހު

Author
އަހުމަދު
22 މެއި 2026 09:31
0

 

ތައިލެންޑަށް އެތެރެވުމުގައި އަމަލުކުރަމުން އައި ވިސާގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ވިސާއާ ނުލައި ދިވެހީންނަށް އެ ގައުމުގައި ތިބެވޭ މުއްދަތު 15 ދުވަހަށް ކުޑަކޮށްފިއެވެ.

ތައިލެންޑު ސަރުކާރުން އަލަށް ފާސްކުރި އުސޫލުގެ ދަށުން ގިނަ ގައުމުތަކަށް ވިސާއާ ނުލައި 30 ދުވަހު ތިބެވޭނެއެވެ. ނަމަވެސް "ވަން ކަންޓްރީ، ވަން ޕްރިވިލެޖް" ކޮންސެޕްޓުގެ ދަށުން ރާއްޖެ ހިމަނާފައިވަނީ އެންމެ ކުރު މުއްދަތެއް ލިބޭ ގައުމުތަކުގެ ގިންތީގައެވެ. މިއީ 2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ދިވެހިންނަށް ލިބެމުން އައި 60 ދުވަހުގެ ވިސާ ފްރީ މުއްދަތު މުޅިން އުވާލުމަށްފަހު ގެނައި ބޮޑު ބަދަލެކެވެ.

ތައިލެންޑުގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ބަދަލު ގެންނަން ނިންމީ ގަވާއިދާ ހިލާފަށް އެ ގައުމުގައި އުޅޭ މީހުންނާއި، ވިޔަފާރިކުރާ މީހުންގެ އިތުރުން އޮންލައިން ސްކޭމް ހިންގާ ފަރާތްތަކުން 60 ދުވަހުގެ ވިސާގެ ނާޖާއިޒު ފައިދާ ނަގަމުންދާތީއެވެ. އަދި މިއީ ގައުމީ ސަލާމަތް ރައްކާތެރިކުރުމަށާއި، ފެންވަރު ރަނގަޅު ފަތުރުވެރިންނަށް އަމާޒުކޮށްގެން ސިޔާސަތުތައް ބައްޓަންކުރުމަށް އެޅި ފިޔަވަޅެއްކަމަށްވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ތައިލެންޑަށް އެތެރެވާއިރު ދައްކަންޖެހޭ ލިޔެކިޔުންތައް ވެސް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ހޮޓާ ބުކިން، ރިޓާން ޓިކެޓް އަދި އަތުގައި އެކަށީގެންވާ ވަރަށް ފައިސާ ހުރިތޯ އިމިގްރޭޝަން އޮފިސަރުން ކުރިއަށްވުރެ ބޮޑަށް ބަލާނެއެވެ.

މި ބަދަލުގެ ސަބަބުން ބޭސްފަރުވާއަށާއި، ވިޔަފާރިއަށް އަދި ޗުއްޓީ ހޭދަކުރުމަށް ތައިލެންޑަށް ދާ ދިވެހިންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާނެއެވެ. ހާއްސަކޮށް 15 ދުވަހަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އެކަށީގެންވާ މުއްދަތަކަށް ނުވުމުން، އެއަށްވުރެ ދިގު މުއްދަތަކަށް މަޑުކުރާނަމަ ދެން ޖެހޭނީ އީ-ވިސާ ޕްލެޓްފޯމް މެދުވެރިކޮށް 1,000 ތައި ބާތު (30 ޑޮލަރު) ދައްކައިގެން ކުރިއާލައި ވިސާ ހޯދާށެވެ. ވިސާއަށް އެދޭއިރު ދަތުރުގެ ބޭނުމާއި، ހުންނާނެ ތަނާއި އެނބުރި އަންނާނެ ޓިކެޓުގެ މައުލޫމާތު ފުރިހަމައަށް ހުށަހަޅަން ޖެހޭނެއެވެ.

މިހާރު ތައިލެންޑުގައި ތިބި މީހުންނަށް އެމީހުންގެ ވިސާގެ މުއްދަތު ހަމަވަންދެން މަޑުކުރެވުނު ނަމަވެސް، ތައިލެންޑުގެ ރޯޔަލް ގެޒެޓުގައި މި އާ އުސޫލު ޝާއިއުކުރާތާ 15 ދުވަސް ތެރޭގައި އާ ގަވާއިދަށް އަމަލުކުރަން ފަށާނެއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ތައިލެންޑަށް ދަތުރުކުރާ ދިވެހިން ދަތުރު ރޭވުމުގައި މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.