ދިވެހި ޙައްޖުވެރިންނަށް މަޝާއިރުގައި 6 ދުވަސް ހޭދަކުރުމަށްފަހު އާދިއްތަ ދުވަހުގެ ރޭ މިނާއަށް ފުރާނެ

ދިވެހި ޙައްޖުވެރިންނަށް މަޝާއިރުގައި 6 ދުވަސް ހޭދަކުރުމަށްފަހު އާދިއްތަ ދުވަހުގެ ރޭ މިނާއަށް ފުރާނެ

Author
އަހުމަދު
22 މެއި 2026 10:53
0

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢުދީ އަރަބިއްޔާއަށް ގޮސްތިބި ދިވެހި ޙައްޖުވެރިންނަށް މިނާއާއި އަރަފާތުގައި ބޭނުންވާ އެންމެހާ އިންތިޒާމުތައް ފުރިހަމަކޮށްފައިވާކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ޙައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ދުވަސްކަމަށްވާ އަރަފާތު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިގޮތުގައި، ޙައްޖަށް އިޙްރާމް ބަނދެގެން ޙައްޖުވެރިން މައްކާއިން މިނާއަށް ދަތުރުފަށާނީ އާދިއްތަ ދުވަހުގެ ރޭގަނޑު ޢިޝާ ނަމާދާއި ކެއުމުގެ ކަންކަން ނިންމުމަށްފަހުގައެވެ. ބަސްތަކުގައި ކުރާ މި ދަތުރުގައި ފަތިސްވާއިރަށް މިނާއަށް ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އާންމުގޮތެއްގައި ހުރިހާ ޙާޖީންގެ ޙާލުވެސް ރަނގަޅުކަމަށާއި، އުޅެނީ ރޯގާފަދަ ކުދިކުދި ޞިއްޙީ މައްސަލަތައްކަން ޝަކީލް ފާހަގަކުރެއްވިއެވެ.

ޙާޖީންނަށް އެންމެ ފުރިހަމަ ޚިދުމަތްތައް އެއްވެސް ތަފާތުކުރުމެއްނެތި ދިނުމަކީ ކޯޕަރޭޝަނުގެ އެންމެ ބޮޑު އަމާޒެވެ. އެގޮތުން މިހާރުވެސް ކޯޕަރޭޝަންގެ ޓީމުތަކުން މިނާއާއި އަރަފާތުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ޙައްޖުވެރިން ތިބޭ ޓެންޓުތައް ވަނީ އޭސީކޮށް، ކޮންމެ ޙާޖީއަކަށް ސޯފާ ބެޑެއް ހަމަޖައްސާފައެވެ. މީގެ އިތުރުން މިއަހަރު މިނާގައި ފާޚާނާތަކުގެ އަދަދު ކުރިއަށްވުރެ ފަސްގުނަ އިތުރުކޮށް 60 އަށްވުރެ ގިނަ ފާޚާނާ ވަނީ ޤާއިމުކޮށްފައެވެ. އަދި ކެއްކުމުގެ ކަންކަން ކުރިއަށްގެންދާ ބަދިގެވެސް ވަނީ ބޮޑުކޮށް، އިންތިޒާމުތައް ފުރިހަމަކޮށްފައެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ ހުރިހާ ފަރާތްތައް މިހާރު މައްކާއަށް ގޮސްފައިވާއިރު، ޙައްޖުގެ އަޅުކަމުގައި މަޝާއިރުގައި ޙާޖީން 6 ދުވަސް ހޭދަކުރާނެއެވެ. އަންގާރަ ދުވަހު އަރަފާތުގައި ތިބުމަށްފަހު، ބުދަ ދުވަހު އަޟްޙާ ޢީދު ފާހަގަކުރާނެއެވެ. އަދި އައްޔާމުއްތަޝްރީޤުގެ 3 ދުވަސް ނިންމުމަށްފަހު ޙައްޖުގެ މަޝާއިރު ނިންމާލައި ޙައްޖުވެރިން އެނބުރި މައްކާއަށް އަންނާނީ އަންނަ އާދިއްތަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.