މިއީ ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން: ރައީސް ސާލިހު

މިއީ ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން: ރައީސް ސާލިހު

Author
އަހުމަދު
21 މެއި 2026 08:07
0

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމުގެ ބަދަލުގައި، ޕާޓީގެ ލީޑަޝިޕް އާ ޖީލަކާ ހަވާލުކުރަން ޖެހޭ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ތާއީދުކުރައްވައިފިއެވެ.

އިބޫގެ އުފަންރަށް، ޅ. ހިންނަވަރުގައި ބޭއްވި މީކާއިލްގެ ކެމްޕެއިން ޖަލްސާއެއްގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިއީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. މިއީ އެއްވެސް ހާލެއްގައި ނަޝީދަށް ބަދުބަހެއް ވިދާޅުވުން ނޫން ކަމަށާއި، އެމަނިކުފާނުގެ ހިދުމަތްތައް ބަލައިގަންނަ ކަމަށްވެސް އިބޫ ވިދާޅުވިއެވެ. ނަމަވެސް، ޒުވާނުން ވޯޓުލާ ނިސްބަތް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، ޕާޓީގެ ހިންގުން އާ ލީޑަރުންނާ ހަވާލުކޮށް، ހެޔޮ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިވަގުތު އިސްކަންދޭންވީ މި ސަރުކާރު ބަދަލުކުރުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އުފައްދާފައިވާ 'ޔުނައިޓެޑް ޑިމޮކްރަޓިކް ފްރޮންޓް' ގެ މަސައްކަތްތަކަށް ކަމަށް އިބޫ ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގައި އޮތް 30 އަހަރުގެ ދިގު ވެރިކަމުގައި ދިމާވި ފަދަ މައްސަލަތަކާ އެމްޑީޕީ ކުރިމަތިލާން ބޭނުންފުޅު ނުވާކަމަށާއި، އެ ތަޖުރިބާއިން ދަސްވި ފިލާވަޅަކީ އާ ލީޑަރުން އުފައްދަން ޖެހުންކަން އެމަނިކުފާނު ތަފްސީލުކޮށްދެއްވިއެވެ. އެހެންކަމުން މިއީ އެހެން ބަޔަކަށް ފުރުސަތުދީ، އެބަޔަކާއެކު ކުރިއަށްދާންވީ ވަގުތުކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއަށް އަންނަ މަހު 21 އަހަރު ފުރޭއިރު، އިބޫ ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ މަންޒަރަކީ ޕާޓީގެ އިސް ސަފުގައި ކުރިން މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުން އެއްތަނަކުން ފެނި، އާ ޖީލަކަށް ޕާޓީގެ ހިންގުން ވާރުތަކޮށްދޭ މަންޒަރު ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދަކީ ޕާޓީގެ އެންމެ ސީނިއާ އެއް ބޭފުޅާ ކަމަށްވާއިރު، އެފަދަ ބޭފުޅަކާ ވާދަކުރައްވާނެ ޒުވާން ކެންޑިޑޭޓުން ތިބުމަކީ ޕާޓީއާމެދު ފަހުރުވެރިވާ ކަމެއްކަން ފާހަގަކުރައްވައި، މީކާއިލްއަށް ތާއީދުކުރައްވާ މައިގަނޑު ސަބަބަކީ ޕާޓީގެ ހިންގުން އާ ޖީލަކަށް ޕާސްކުރުން ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.