މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ދިވެހި ޙައްޖުވެރިންގެ ތެރެއިން ތިންވަނަ ގްރޫޕް މިއަދު ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.
މިއަހަރު ދިވެހި ޙައްޖުވެރިން އުފުލުމަށް ހަމަޖެހިފައިވަނީ ސަޢުދީ އެއަރލައިންސްގެ އިތުރުން ޤައުމީ އެއަރލައިން، މޯލްޑިވިއަންގައެވެ. މިއަދު ފުރި ގްރޫޕްތަކުގެ ތެރެއިން ސަޢުދީ އެއަރލައިންސްގައި 250 ޙައްޖުވެރިން ވަނީ ފުރާފައެވެ. މީގެ ކުރިން ފުރި ގްރޫޕްތަކާއެކު ގިނަ ޢަދަދެއްގެ ދިވެހި ޙައްޖުވެރިން މިހާރު ސަޢުދީއަށް ގޮސްފައިވާއިރު، އެ އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް މަޢުލޫމާތު ލިބެއެވެ. ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ 252 މީހުންނާއެކު މާދަމާއެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ދިވެހި ޙައްޖުވެރިން ފުރަނީ "މައްކާ ރޫޓު އިނީޝިއޭޓިވް" ގެ ދަށުން، ރާއްޖޭގައި ތިބެގެން ސަޢުދީ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށް ފަހުގައެވެ. މީގެ އިތުރުން، ޙައްޖުވެރިން އެއަރޕޯޓަށް ދިއުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މާލެ އާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ ޚާއްޞަ އިންތިޒާމުތަކެއް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. ސަޢުދީ ސަރުކާރުން ރާއްޖެއަށް ކޮންމެ އަހަރަކުވެސް ދޫކުރަނީ ޙައްޖުގެ 1،000 ކޯޓާއެވެ.
ކޮމެންޓު ފޮނުވާ