ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމުން އެމީހުންގެ އޮޕަރޭޝަން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ނުރައްކާތެރި އޮޕަރޭޝަންތައް ހިންގާފައިވާ 3 ޑައިވަރުންގެ މި ޓީމުން މިހާރު ކުރިއަށް ގެންދަނީ އެ ސަރަހައްދު ދެނެގަތުމަށް ކުރާ އޮރިއެންޓޭޝަން ޑައިވްތަކެކެވެ. ޚާއްޞަ ޕްލޭނަކާއި ޒަމާނީ ގިއަރުތަކާއެކު އައިސްފައިވާ މި ޓީމުން، ހޮހަޅަތަކުގެ ފުނަށް ޑައިވް ކުރަން ފަށާނީ އޮރިއެންޓޭޝަނަށް ފަހުގައެވެ. މި މަސައްކަތުގައި މޫސުމުގެ ސަބަބުން ބައެއް ދަތިތަކާ ދިމާވަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފިންލެންޑުގެ ޓީމަށް އެހީތެރިވުމުގެ ގޮތުން ކޯސްޓްގާޑާއި ފުލުހުންގެ ޑައިވަރުންގެ އިތުރުން ދިވެހި ދެ ކުންފުންޏަކުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ދިވެހި ޑައިވަރުން ހަމައެކަނި އެހީތެރިކަން ފޯރުކޮށްދޭނީ ފެންމަތިން ކަމަށާއި، ފުނަށް ޑައިވް ނުކުރާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ގެއްލުނު އިޓަލީގެ 5 ޑައިވަރުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. އަނެއް 4 މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުންދާއިރު، މި އޮޕަރޭޝަންގެ ތެރޭގައި އެމްއެންޑީއެފްގެ ޑައިވަރަކު ވެސް ވަނީ ހާލު ދެރަވެގެން ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ