ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި ބައިވެރިވުން ދެމިއޮންނާނެ: ބާލަސުބްރަމާނިއަން

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި ބައިވެރިވުން ދެމިއޮންނާނެ: ބާލަސުބްރަމާނިއަން

Author
އަހުމަދު
18 މެއި 2026 09:59
0

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި ބައިވެރިވުން ދެމިއޮންނާނެކަން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަމް އަލުން ކަށަވަރުކޮށްދެއްވައިފިއެވެ. އޭނާ މިކަން ކަށަވަރުކޮށްދެއްވީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ބޭއްވި ޚާއްޞަ ސެމިނާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސް އާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގުޅިގެން ބޭއްވި މި ސެމިނާގައި އެކަޑެމިކް ބޭފުޅުންނާއި، ދަރިވަރުންނާއި، ޑިޕްލޮމެޓުން އަދި ދަޢުވަތު އެރުވިގެން ވަޑައިގެންނެވި މެހެމާނުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި ޙިއްޞާކުރާ ތާރީޚުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ހައިކޮމިޝަނަރު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތު ފެށިގެންދިޔައީ ރާއްޖެ-އިންޑިއާ ގުޅުމުގެ މުހިންމު ހަރުފަތްތައް ދައްކުވައިދޭ ޚާއްޞަ ފޮޓޯ މައުރަޒެއް ބައްލަވާލެއްވުމުންނެވެ.

ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރެވިފައިވާ ގުޅުންތަކުގެ މައްޗަށް މި ސެމިނާގައި ޕްރެޒެންޓޭޝަންތައް ހުށަހެޅުނެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީ، ސަގާފީ އަދި ތާރީޚީ ގުޅުންތައް، ޞިއްޙީ ދާއިރާގެ އެއްބާރުލުން، ކާބޯތަކެތީގެ ރައްކާތެރިކަން، ވިޔަފާރިއާއި އިޤްތިޞާދީ ކުރިއެރުން، ތަޢުލީމު، އަދި އުމްރާނީ ތަރައްޤީ ފަދަ ދާއިރާތަކާމެދު މަޝްވަރާކުރެވުނެވެ. މިކަންކަމަށް އަލިއަޅުވާލައްވައި ވާހަކަދެއްކެވި ބޭފުޅުންނާއި ދަރިވަރުން ވަނީ، ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމުގައި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

މި ސެމިނާ ނިމިގެންދިޔައީ ދަރިވަރުން ހުށަހަޅައިދިން ދިވެހި އަދި އިންޑިއާގެ ސަގާފީ ހަރަކާތްތަކަކުންނެވެ. އޭގެ ތެރޭގައި ބޮޑުބެރު އަދި ފަތިގަނޑު ޖެހުން ފަދަ ސަގާފީ ނެށުންތައް ހިމެނެއެވެ.

އިންތިޒާމުކުރި ފަރާތްތަކުން ބުނި ގޮތުގައި މި ސެމިނާއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން ފާހަގަކުރުމާއެކު، ސަގާފީ، ތަޢުލީމީ، އަދި ތަރައްޤީގެ ދާއިރާތަކުން ކުރިއަށްދާ ގުޅުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ލިބުނު މުހިންމު ޕްލެޓްފޯމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.