މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދާ މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕް މިއަދު ހަވީރު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.
މިއަދު ހަވީރު 3:25 ގައި ސައުދިއާ އެއާލައިންސްގެ ފްލައިޓަކުން 242 ހައްޖުވެރިން ފުރާފައިވާއިރު، މިއަހަރު ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ދަށުން މީހުން އުފުލާނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެ ފްލައިޓާއި ސައުދިއާ އެއާލައިންސްގެ ދެ ފްލައިޓެވެ. މި އިންތިޒާމުގެ ދަށުން ކޮންމެ އެއާލައިނަކުންވެސް 500 ހައްޖުވެރިން އުފުލުމަށް ވަނީ ހަމަޖެހިފައެވެ.
ހައްޖުވެރިން ފުރުމުގެ ކަންކަން މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭގޮތުގައި، ހައްޖުވެރިން ސައުދީގައި 22 ދުވަސް ހޭދަކުރާނެއެވެ. އަދި އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެންނެވެ. މިއަހަރުގެ ހައްޖު ދުވަސް ކަމަށްވާ ޒުލްހިއްޖާ މަހުގެ ނުވަވަނަ ދުވަސް ދިމާވަނީ މި މަހުގެ 26 ވަނަ ދުވަހާއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ހައްޖުވެރިންނަށް ސައުދީ ސަރުކާރުގެ "މައްކާ ރޫޓް" އިނީޝިއޭޓިވްގެ ދަށުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މި އިންތިޒާމުގެ ދަށުން ރާއްޖެއިން ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިމިގްރޭޝަންގެ ކަންކަން ނިންމާލެވޭތީ، ޖިއްދާއަށް ފޭބުމަށްފަހު ކިއޫގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެއެވެ. އަދި ހައްޖުވެރިންގެ ލަގެޖްތައްވެސް ގެންގޮސްދޭނީ ސީދާ ހޮޓަލަށެވެ. މިއީ އާންމުކޮށް 20،000 އަށްވުރެ ގިނަ މީހުން ހައްޖަށްދާ ގައުމުތަކަށް ދޭ ފުރުސަތެއް ނަމަވެސް، ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް މި ހާއްސަ އިނާޔަތް ފޯރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ