މީސްމީޑިއާގައި ދެކެވެމުންދާ ފަދައިން ތިލަމާލެ ބްރިޖުގައި އެއްވެސް އަޑިގުޑަންކަމެއް އަދި ކޮލިޓީގެ މައްސަލައެއް ނެތްކަމަށް ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އިންޑިއާ ސަފީރު ޖީ ބަލަސުބްރަމާނިއަން އާއި އެފްކޮންސް ކުންފުނީގެ އިސްވެރިންނާއެކު ނޫސްވެރިން ގޮވައިގެން ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އިއްޔެ ކުރެއްވި ޒިޔާރަތުގައެވެ. މި ޒިޔާރަތުގައި އެބޭފުޅުން ވަނީ ބްރިޖުގެ ސައިޓަށް ވަޑައިގެން މަސައްކަތްތެރިންނާ ބައްދަލުކުރައްވައި، މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއްތަލިބް ވިދާޅުވީ ބްރިޖުން ފެންނަ ކަމަށް ބުނާ ބެންޑްތަކަކީ ދުރުން ބަލާއިރު ފެންނަ "އިލޫޝަން" އެއް ކަމަށެވެ. މިއީ ލެގޯ ގޮތަށް ވަކިވަކި ބައިތައް ގެނެސް ގުޅުވައިގެން ހަދާ އިންޖީނިއަރިން ސްޓްރަކްޗާއެއް ކަމަށާއި، އެފަދަ ޑިފެކްޓެއް ހުރިނަމަ ސެގްމަންޓްތައް އެއްވަރު ނުވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި ބްރިޖު ނިމޭއިރު މިއީ "އިންޖީނިއަރިން މާވެލް" އަކަށް ވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިންޑިއާ ސަފީރު ވިދާޅުވީ، މިއީ އިންޑިއާއިން ގައުމުން ބޭރުގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ އެއް މަޝްރޫއު ކަމަށާއި މިއީ ދުނިޔޭގެ އިންޖީނިއަރިންގައިވެސް އަޖައިބުކުރަނިވި މަސައްކަތަކަށް ވާނެ ކަމަށެވެ. ދިވެހި ސަރުކާރާއި އެފްކޮންސް ކުންފުނިން މިހާރު އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ތެރޭގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި މި ބްރިޖުން ގުޅާލުމަށެވެ.
ކޮމެންޓު ފޮނުވާ