ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ސާވޭއާއި ޑިޒައިންގެ މަސައްކަތްކުރާ ޓީމު މި ހިނގާ މެއި މަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މި މަޝްރޫޢުގެ ފީޒިބިލިޓީ ސްޓަޑީގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ސާވޭކޮށް ޑިޒައިންކުރާނެ ބަޔަކު ހޮވުމުގެ ޓެންޑަރިންގ މަރުހަލާ ނިމި، އެ މަސައްކަތްކުރާނެ ފަރާތެއް މިހާރު ވަނީ ކަނޑައެޅިފައެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސާވޭއާއި ޑިޒައިންގެ މަސައްކަތް އެއްކޮށް ފައިނަލްވުމުން، މަގުތައް ހެދުމުގެ އަމަލީ މަސައްކަތްކުރާނެ ކޮންޓްރެކްޓަރެއް ހޯދުމަށް ޗައިނާއިން ޓެންޑަރަށް ހުޅުވާލާނެއެވެ. މަގުތައް ކޮނެ، އަމަލީ މަސައްކަތް ފެށިގެންދާނީ އެ ކޮންޓްރެކްޓަރަކު ހޮވުމަށްފަހުގައެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަކީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު ތަކުލީފަކަށް ނިމުން ގެނެސްދޭނެ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޗައިނާއިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ނިންމާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ޤައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
ކޮމެންޓު ފޮނުވާ