ނަފުސާނީ ދުޅަހެޔޮކަމަށް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފެށުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން މިއަދު މަޝްވަރާކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ނަފުސާނީ ބަލިމަޑުކަމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. މީގެ އިތުރުން، މި ދާއިރާއިން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަދެކެވިފައެވެ.
ނަފުސާނީ މައްސަލަތަކާ ގުޅުންހުރި ހާދިސާތަކަށް ފުލުހުން އެޓެންޑްވާއިރު ދިމާވާ ތަފާތު ގޮންޖެހުންތަކާއި ހުރި ކަންބޮޑުވުންތައް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރާ ހިއްސާކުރައްވާފައެވެ. އަދި މިކަންކަން ހައްލުކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާމެދު ވަނީ މަޝްވަރާކުރައްވާފައެވެ.
ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް މި ދެ މުއައްސަސާއިން މަޝްވަރާކޮށްފައި މިވަނީ، ފަހަކަށް އައިސް އަމިއްލައަށް މަރުވުމުގެ ހާދިސާތައް ރާއްޖޭގައި އިތުރުވެ، އެކަމުގެ ކަންބޮޑުވުން މުޖުތަމަޢުގައި ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލަތަކާ ގުޅިގެން، ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ހެލްތު މިނިސްޓްރީން ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ