ޙައްޖު މޫސުމުގައި މައްކާ އާއި މަދީނާގެ ހޮޓާތަކަށް ކުރާ ޖޫރިމަނާގެ އާ އުސޫލެއް ތަޢާރަފުކޮށްފި

ޙައްޖު މޫސުމުގައި މައްކާ އާއި މަދީނާގެ ހޮޓާތަކަށް ކުރާ ޖޫރިމަނާގެ އާ އުސޫލެއް ތަޢާރަފުކޮށްފި

Author
ޙަސަން މުޙައްމަދު
11 އޭޕްރިލް 2026 10:48
0

ސައޫދީ އަރަބިއްޔާގެ ޓޫރިޒަމް މިނިސްޓްރީން، ޙައްޖު މޫސުމުގައި މައްކާ އާއި މަދީނާގައި ޚިދުމަތްދޭ ހޮސްޕިޓާލިޓީ ފެސިލިޓީތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އާ އުސޫލެއް އެކުލަވާލައި، ކުށްކުރާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައިފިއެވެ.

އެ ވުޒާރާއިން ކަނޑައަޅާފައިވާ ގޮތުގައި ޙައްޖު މޫސުމަކީ ކޮންމެ އަހަރެއްގެ ޛުލްޤައިދާ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުޙައްރަމް މަހުގެ މެދާ ހަމައަށެވެ. މިއަހަރު އަމަލުކުރަން ފަށާ މި އުސޫލުގެ ދަށުން، މި މުއްދަތުގެ ތެރޭގައި ކުށެއް ތަކުރާރުކޮށްފިނަމަ ކުރިން ކޮށްފައިވާ ޖޫރިމަނާއަށްވުރެ އަދަދު ދެގުނައަށް ބޮޑުވެގެންދާނެއެވެ. އަދި ޙައްޖު މޫސުމުގެ ކުރިން ކޮށްފައިވާ ކުށެއް މޫސުމުގެ ތެރޭގައި ތަކުރާރުކޮށްފިނަމަވެސް ޖޫރިމަނާ ބޮޑުވާނެއެވެ. ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކުށެއް ތަކުރާރުކޮށްފިނަމަ، އެ ތަނެއް ވަގުތީގޮތުން ބަންދުކުރުން ނުވަތަ ޚިދުމަތް ދިނުމުގެ ލައިސަންސް އެއްކޮށް ބާޠިލުކުރުމުގެ ބާރުވެސް މިނިސްޓްރީއަށް ލިބިގެންވެއެވެ. ނަމަވެސް ޖޫރިމަނާ ބޮޑުކުރަމުން ދިޔަސް، ގާނޫނީ ގޮތުން ކަނޑައެޅިފައިވާ އެންމެ މަތީ މިންވަރަށްވުރެ ޖޫރިމަނާ ބޮޑު ނުކުރާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

މި އުސޫލުގެ ދަށުން ހޮސްޕިޓާލިޓީ ފެސިލިޓީތައް، ފައިވް ސްޓާ ލަގްޒަރީ ތަންތަނުން ފެށިގެން ވަގުތީ ޙައްޖު އެކޮމޮޑޭޝަންތަކާ ހަމައަށް ފަސް ކެޓެގަރީއަކަށް ވަނީ ބަހާލައިފައެވެ. އަދި ޖޫރިމަނާ ކުރެވޭނީ އެ ވިޔަފާރިއެއްގެ ބޮޑުކުޑަމިނަށް ބަލައިގެންނެވެ. އެގޮތުން އެންމެ ކުދި ވިޔަފާރިތަކަށް ކަނޑައެޅިފައިވާ ޖޫރިމަނާގެ 25 އިންސައްތަ، ސްމޯލް ވިޔަފާރިތަކަށް 50 އިންސައްތަ، މީޑިއަމް ވިޔަފާރިތަކަށް 75 އިންސައްތަ، އަދި ބޮޑެތި ވިޔަފާރިތަކަށް 100 އިންސައްތައިން ޖޫރިމަނާ ކުރާނެއެވެ.

މި ބަދަލާއެކު މައްކާ އާއި މަދީނާގެ އާންމު ފެސިލިޓީތަކަށް 2,000 އާއި 14,000 ރިޔާލައާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާއިރު، ވަގުތީ ޙައްޖު ފެސިލިޓީތައް 1,000 ރިޔާލައިން ފެށިގެން 50,000 ރިޔާލައާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. މާލީ ޖޫރިމަނާގެ އިތުރުން، ފާހަގަކުރެވޭ މައްސަލަތައް އިސްލާޙުކުރަންދެން އެ ތަނެއް ވަގުތީގޮތުން ބަންދުކުރުމުގެ ފިޔަވަޅުވެސް އެޅިދާނެކަމަށް ސައޫދީ ޓޫރިޒަމް ވުޒާރާއިން ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.