މިއަހަރުވެސް ދިވެހި ޙައްޖުވެރިން ފުރާނީ "މައްކާ ރޫޓް" އިންތިޒާމުގެ ދަށުން

މިއަހަރުވެސް ދިވެހި ޙައްޖުވެރިން ފުރާނީ "މައްކާ ރޫޓް" އިންތިޒާމުގެ ދަށުން

Author
ޙަސަން މުޙައްމަދު
10 އޭޕްރިލް 2026 03:42
0

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ފުރާ މީހުންވެސް ދަތުރުކުރާނީ ސައުދީ އަރަބިއްޔާގެ "މައްކާ ރޫޓް" އިނީޝިއޭޓިވްގެ ލުއިފަސޭހަ އިންތިޒާމުތަކުގެ ތެރެއިންކަމަށް އިސްލާމީ ވުޒާރާއިން ހާމަކޮށްފިއެވެ.

އިސްލާމީ ވުޒާރާއިން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ސައުދީގެ އެޑްވާންސް ޓީމެއް އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށެވެ. ސައުދީ ވިޝަން 2030 ގެ ދަށުން ކުރިއަށްގެންދާ މައްކާ ރޫޓް މަޝްރޫޢުގެ ސަބަބުން، ޙައްޖުވެރިންގެ ވީޒާއާއި، އިމިގްރޭޝަން އަދި ކަސްޓަމްސް އާއި ޞިއްޙީ ކަންކަން ފަދަ ހުރިހާ އިޖުރާއަތެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމުގެ ކުރިން ނިންމައިލެވޭނެއެވެ. މީގެ ސަބަބުން ސައުދީއަށް ގޮސް އެއާޕޯޓުގައި އިތުރު ކިޔޫތަކުގައި މަޑުކުރަން ނުޖެހި، ސީދާ ހޮޓަލަށް ދިއުމުގެ ފުރުޞަތު ޙައްޖުވެރިންނަށް ލިބޭނެއެވެ. އަދި ޙައްޖުވެރިންގެ ފޮށިތައްވެސް ހޮޓަލާ ހަމައަށް ގެންގޮސްދޭނެއެވެ.

ރާއްޖެއަކީ މައްކާ ރޫޓްގެ ހިދުމަތް ލިބުނު އަށްވަނަ ޤައުމެވެ. މިދިޔަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް މި ހިދުމަތް ރާއްޖޭގައި އިފްތިތާޙުކޮށްދެއްވިއިރު، މިދިޔަ އަހަރު 1،000 ދިވެހި ޙައްޖުވެރިން ވަނީ މި ލުއިފަސޭހަކަމާއެކު ދަތުރުކޮށްފައެވެ. އެފަހަރު ސައުދީ ސަރުކާރުން ރާއްޖެއަށް ޚާއްޞަ އިސްތިސްނާތަކެއް ދީފައިވާއިރު، ޙައްޖުވެރިންނަށް މައްކާއާއި މަދީނާއާ ދެމެދު ބަހުގެ ބަދަލުގައި ހައި ސްޕީޑް ރޭލުގައި ދަތުރުކުރުމުގެ އިންތިޒާމާއި، ދިވެހިންނަށް ޚާއްޞަ ކްލިނިކެއްވެސް ޤާއިމުކޮށްދިނެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނީ އަންނަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ ޢަރަފާތު ދުވަހަކީ މެއި 26 ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.