އިންތިޚާބެއްގައި ލިބޭ ނާކާމިޔާބީއަކީ އެކަމާމެދު ވިސްނައި، އިތުރު ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެއް ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ އިންތިޚާބާ ގުޅިގެން މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ޑިމޮކްރަސީގެ މަގަކީ ސީދާ އެއްކޮޅަށް ދަތުރުކުރާ އަދި އަބަދު އެއްކޮޅަކަށް ވައިޖެހޭނެ މަގެއް ނޫން ކަމަށެވެ. ބައެއް ފަހަރު ރައްޔިތުން ތިމާގެ ފަހަތުގައި ތިބެ ވަޔާ އެއްކޮޅަށް ދާން ހިތްވަރުދޭނެ ކަމަށާއި، އަނެއްބައި ފަހަރު ކުރިމަތިން ހުރަސްއަޅައި ވަޔާ ދެކޮޅަށް ދަތުރުކުރަންވެސް ރައްޔިތުން އަންގާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮންމެ ނަތީޖާއަކީ ނިމުން ނޫންކަން ފާހަގަކުރައްވަމުން ޑރ. މުއްތަލިބު ވިދާޅުވީ، ކާމިޔާބީ ލިބުމުން އެކަމާމެދު ހިތްތިރިކުރަން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކުރުން މިންކުރަންޖެހޭނީ ހަމައެކަނި ލިބޭ ކާމިޔާބީއަކުން ނޫންކަމަށާއި، އެއީ ސާބިތުކަމާއެކު ކަންކަން އިސްލާޙުކޮށް ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތުން މިންކުރެވޭނެ ކަމެއްކަމަށް ވިދާޅުވިއެވެ. ޑިމޮކްރަސީގައި ރައްޔިތުންގެ ކޮންމެ ނިންމުމަކަށްވެސް އިޙްތިރާމްކުރަންޖެހޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުމެ ހުންނަ ކޮންމެ މީހަކީވެސް ރައްޔިތުންގެ ނިންމުމުން ފިލާވަޅު ލިބިގަނެ، އަބުރުވެރިކަމާއެކު ކުރިއަށްދާން ހިތްވަރުކުރާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، ތާރީޚަކީ އެންމެ ދުވަހަކުން ލިޔެވޭ އެއްޗެއް ނޫންކަމަށާއި އެ ލިޔެވެނީ ބައިބަޔަށްކަން އޭނާގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ. އަދި ޚިދުމަތްކުރުމުގައި ތެދުވެރި މަޤްޞަދެއް އޮތް މީހަކު ތާރީޚުގެ ޞަފްޙާތަކުގެ ދޭތެރެއިން ދުވަހަކުވެސް ގެއްލިގެން ނުދާނެކަމަށް ޑރ. މުއްތަލިބު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ