ރަށްރަށުގައި ލެބޯޓަރީ ޤާއިމްކުރުމުގެ މަޝްރޫޢު: މިހާތަނަށް 18 ރަށެއްގައި ޚިދުމަތް ފަށައިފި

ރަށްރަށުގައި ލެބޯޓަރީ ޤާއިމްކުރުމުގެ މަޝްރޫޢު: މިހާތަނަށް 18 ރަށެއްގައި ޚިދުމަތް ފަށައިފި

Author
އަހުމަދު
01 އޭޕްރިލް 2026 07:40
0

ރައްޔިތުންނަށް ފަސޭހަކަމާއެކު އަސާސީ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢުގެ ދަށުން، މިހާތަނަށް ރާއްޖޭގެ 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ކާމިޔާބުކަމާއެކު ފަށައިފިއެވެ.

ރ. މާކުރަތުގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، 2025 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް 18 ލެބޯޓަރީއެއް ހުޅުވިފައިވާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށެއްގައި މި ޚިދުމަތް އަލަށް ފެށުން ކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މީގެ ކުރިން މި ޚިދުމަތް ރަށްރަށުގައި ނުލިބި އޮތީ ސިޔާސަތުތަކުގެ ތެރޭގައި އެކަންކަން ނުހިމަނާ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި އިޖާބަދެވިފައި ނުވާތީކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް އަމިއްލަ ރަށުގައި ހުރެގެން ޓެސްޓުތައް ކުރެވޭނެ އިންތިޒާމު ހަމަޖެހުމަކީ، ބަލިތައް ދުރާލާ ދެނެގަނެ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ޚިދުމަތާއެކު، ޓެސްޓު ހެދުމަށްޓަކައި އެހެން ރަށްރަށަށާއި މާލެއަށް ރައްޔިތުން ކުރަންޖެހޭ ތަކުލީފު ބޮޑު ދިގު ދަތުރުތަކަށް ނިމުމެއް އަންނާނެއެވެ. ލެބޯޓަރީގެ ޚިދުމަތް ފުޅާކުރުމުގެ އިތުރުން، މި ސަރުކާރުން ވަނީ އިތުރު ހަތަރު ރަށެއްގައި އަލަށް އެކްސްރޭގެ ޚިދުމަތްވެސް ތަޢާރަފުކޮށްފައެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި އޮތް، އަދި އެފަރާތްތަކުގެ ޒަމާންވީ ކަންބޮޑުވުންތަކަށް ލިބުނު ވަރަށް ބޮޑު ތަސައްލީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.