އެންމެ ނިކަމެތިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ޚާއްސަ ދަފުތަރެއް އެކުލަވާލަނީ

އެންމެ ނިކަމެތިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ޚާއްސަ ދަފުތަރެއް އެކުލަވާލަނީ

Author
އަހުމަދު
30 މާރޗް 2026 11:47
0

ދައުލަތުން ފޯރުކޮށްދޭ ސޯޝަލް ހައުސިންގެ ދަށުން އެންމެ ނިކަމެތި އަދި ފަގީރު އާއިލާތަކަށް އިސްކަންދިނުމުގެ ގޮތުން ޚާއްސަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ 3،260 ހައުސިން ޔުނިޓުގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ 1،190 ޔުނިޓުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މިނިސްޓަރު ވިދާޅުވީ، އާންމު ހައުސިން ސްކީމްތަކަށް ފޯމުލާން ނޭނގުމާއި ލިޔެކިޔުން ހަމަނުކުރެވުމުގެ ސަބަބުން ގިނަ ފަހަރަށް އެންމެ ނިކަމެތިން ބާކީވާ ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތައް ހޯދައި އެހީތެރިކަން ފޯރުކޮށްދިނުމަށް "ޕްރައޯރިޓީ ސޯޝަލް ހައުސިން ރެޖިސްޓާ" އެއް ހެދުމުގެ އިދާރީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ މުޖުތަމައުގެ އެކި ގިންތިތަކަށް އެކަށީގެންވާ އެކި ހައްލުތައް ހޯދައިދިނުމުގެ މައްޗަށެވެ. އެގޮތުން، އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހެޔޮ އަގުގައި ފުލެޓު ގަނެވޭނެ މަގު ތަނަވަސްކޮށްދިނުމާއި، އާމްދަނީ މަދު އާއިލާތަކަށް ކުލި ދައްކައިގެން މިލްކުކުރެވޭ "ލީސް ޓު އޯން" މޮޑެލްގެ ދަށުން ފުލެޓު ދޫކުރުން ހިމެނެއެވެ. ބީއެމްއެލް އިން ފަށާފައިވާ އާ މަޝްރޫއަކީ ވެސް މި ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ފެށިގެންދާ މުހިންމު މަސައްކަތެކެވެ.

މިނިސްޓަރު މުއްތަލިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 2012 ވަނަ އަހަރުން ފެށިގެން މާލޭގެ ގިނަ ގެތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުން އުޅެމުންދާ ދަތި ހާލު ވަރަށް ގާތުން ބައްލަވާފައެވެ. އެހެންކަމުން، ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއްގެ ބަދަލުގައި އިންސާނިއްޔަތަށްޓަކައި ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި މި ސަރުކާރުން ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދީ، މިހާރު ފަށާފައިވާ މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް އެ ތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.