ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ތަރައްގީކުރާ 1،000 ހައުސިން ޔުނިޓު ވިއްކާނެ އަގުތައް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހާމަކުރައްވައިފިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މިއީ އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއެއް ކަމަށެވެ. މިގޮތުން މި މަޝްރޫއުގެ ދަށުން ދެ ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށާއި، ތިން ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާކަން މިނިސްޓަރު ވަނީ ކަނޑައަޅުއްވާފައެވެ. މިއީ މިހާރުގެ މާކެޓު އަގުތަކާ އަޅާބަލާއިރު ލުއި އަގުތަކެއްކަން ފާހަގަކޮށްލެވެއެވެ.
އާއިލާތަކަށް ބޭނުންވާ ޖާގަ ތަނަވަސް ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ގޮތުން، މި މަޝްރޫއުގެ ބޮޑު ބައެއް ޚާއްސަކޮށްފައިވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށެވެ. އެގޮތުން މުޅި މަޝްރޫއުގެ 70 އިންސައްތަ ނުވަތަ 700 ޔުނިޓަކީ ތިން ކޮޓަރީގެ ތަންތަން ކަމަށްވާއިރު، ބާކީ 300 ޔުނިޓަކީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 3 ގެ ފަސް ބިމެއްގައެވެ. ކޮންމެ ބިމެއްގައި 200 ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވާއިރު، މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ސަތޭކަ އިންސައްތަ ދިވެހި ކުންފުނިތަކާ ކަމަށްވުމީ މި މަޝްރޫއުގެ މުހިންމު ސިފައެކެވެ. ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު މި މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފައިވާއިރު، މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 30 މަސް ދުވަހެވެ.
ކޮމެންޓު ފޮނުވާ