ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މުޅިން އާ ދެ ޕްރޮގްރާމަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މާޗު މަހުގެ ތެރޭގައި ހުޅުވާލުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މި ފަހަރު ހުޅުވާލާ ފުރުސަތުގައި ގެނެސްފައިވާ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް ބަދަލަކީ، ކައިވެނިކޮށްގެން އުޅޭ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، އެމީހާގެ އަމިއްލަ ނަމުގައި ތަނެއް ނެތްނަމަ ގޯއްޗަށް ކުރިމަތިލެވޭނެ ގޮތް ހެދުމެވެ. މީގެ ކުރިން އަމަލުކުރަމުން އައި ގޮތުންނަމަ، ދެމަފިރިންކުރެ އެކަކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއް ހުރެއްޖެނަމަ އަނެކާއަށް ގޯތި ހޯދުމުގެ ފުރުސަތު އެއްކޮށް ގެއްލެއެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ބިންވެރިކަން ނެތް ކޮންމެ ރައްޔިތަކަށްވެސް އެ ހައްގު ކަށަވަރުކޮށްދިނުން ކަމުގައިވާތީ، މި ބަދަލާއެކު ގިނަ ބަޔަކަށް ކުރިމަތިވެފައިވާ ގޯތިގެދޮރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުގެ ’ބިންވެރިޔާ‘ ސްކީމްގެ ދަށުން ގިނަ ބަޔަކު ބައިވެރިވެގެން ނުވަތަ ޖޮއިންޓްކޮށް ގޯތި ހޯދާފައިވާ ފަރާތްތަކަށްވެސް މި ޕްރޮގްރާމްގައި ހާއްސަ އިސްކަމެއް ދީފައިވެއެވެ. އެގޮތުން، ޖޮއިންޓްކޮށް ގޯތި ލިބިފައިވާ އެންމެން އެއްބަސްވެ، އެ ގޯތި ދޫކޮށްލަން ބޭނުންވާނަމަ، އެ ގުރޫޕުގައި ހިމެނޭ ކޮންމެ މީހަކަށް ވަކިވަކިން ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބަދަލުކުރަން ނިންމީ، މަޖުބޫރުވެގެން ގުޅިގެން ގޯތި ނެގުމުގެ ސަބަބުން އާއިލާތަކުގެ ތެރޭގައި އުފެދިފައިވާ އިޖުތިމާއީ މައްސަލަތަކަށް ހައްލެއް ހޯދައިދީ، ކޮންމެ އާއިލާއަކަށްވެސް މިނިވަންކަމާއެކު އުޅެވޭނެ މަގު ފަހިކޮށްދިނުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައިވެސް ހިމަނުއްވާފައިވާ މި މުހިންމު މަޝްރޫއުތަކުގެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން މި އުސޫލުތައް އާންމުކޮށް ރައްޔިތުންނަށް ހާމަކުރުމަށެވެ. އެއަށްފަހު މާޗު މަހުގެ ކުރީކޮޅު ރަސްމީކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެއެވެ.
ކޮމެންޓު ފޮނުވާ