ހިބައިން ގޯތި ލިބުނަސް ރަޖިސްޓްރީ ނެތްނަމަ ފްލެޓަށް ކުރިމަތިލެވޭނެ: މިނިސްޓަރު

ހިބައިން ގޯތި ލިބުނަސް ރަޖިސްޓްރީ ނެތްނަމަ ފްލެޓަށް ކުރިމަތިލެވޭނެ: މިނިސްޓަރު

Author
ޙަސަން މުޙައްމަދު
11 ފެބްރުއަރީ 2026 06:53
0

ހިބައިގެ ގޮތުގައި ގޯއްޗެއް ލިބިފައި އޮތް ނަމަވެސް، އެ ގޯތި އެމީހެއްގެ ނަން މަތީގައި ރަޖިސްޓްރީ ކޮށްފައި ނުވާނަމަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލެވޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ތަފްސީލުކޮށްދެއްވި ގޮތުގައި، ހިބައިން ދީފައި ހުންނަ ގޯއްޗަކީ ދިން ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި އަނބުރާ ގެންދެވޭ ގޮތަށް އޮންނަ އެއްޗެކެވެ. އެހެންކަމުން، ރަޖިސްޓްރީ ނުކޮށް އޮތްހާ ހިނދަކު އެއީ ޔަގީން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހެއް ކަމަށް ނުބެލެވޭނެތީ، އެފަދަ ފަރާތްތަކަށް ސަރުކާރުގެ ސްކީމުން ފުރުސަތު ލިބޭނެއެވެ. ނަމަވެސް ފްލެޓް ނުވަތަ ގޯތި ކާމިޔާބުވެއްޖެނަމަ، މުސްތަގުބަލުގައި ހިބައިން ލިބިފައިވާ ތަން ދޫކޮށްލަން އެއްބަސްވާން ޖެހޭނެއެވެ. އޭގެ މާނައަކީ އެތަން ދައުލަތަށް ނެގުން ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއީ އާއިލާގެ އެހެން މީހަކަށް ނުވަތަ ދަރިއަކަށް އެތަން ދިނުމުގެ ފުރުސަތު އޮތުން ކަމަށެވެ.

މި ސްކީމަށް ޝަރުތު ހަމަނުވާނެ ހާލަތްތަކުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، އެމީހެއްގެ ނަން މަތީގައި ބިމެއް ރަޖިސްޓްރީ ވެފައިވުން ނުވަތަ ތަނެއް ގަތުމަށް އެއްބަސްވުމެއް ހަދައި ފައިސާ ދައްކަމުން ދިއުމެވެ. މިއިން ހާލަތެއް މެދުވެރިވެފައި ނުވާނަމަ، އެއްވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ހާއްސަކޮށްގެން ސަރުކާރުން ހިންގާ މި މަޝްރޫއުގައި ބައިވެރިވެވޭނެއެވެ.

"އެންމެނަށް ބޯހިޔާވަހިކަން" ސްކީމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިހާތަނަށް 3،651 އަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓްތަކަށް އޮތް ޑިމާންޑް ބޮޑުވެފައިވަނީ، ވަގުތުން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ތިން ކޮޓަރީގެ ފްލެޓްތަކަށް ހުޅުވާލާފައިވާތީއެވެ. ސަރުކާރުގެ އަމާޒަކީ އެއްވެސް ބަޔަކަށް ފުރުސަތު ހަނިނުކޮށް، އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ޖެހިފައިވާ ރައްޔިތުންނަށް އެކަން ފަހިކޮށްދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މި ސްކީމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 5 ވަނަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.