ކުޅުދުއްފުށީގެ 2،000 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރު ފަށަނީ

ކުޅުދުއްފުށީގެ 2،000 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރު ފަށަނީ

Author
ޙަސަން މުޙައްމަދު
07 ފެބްރުއަރީ 2026 09:33
0

ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 2،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްވައިފި އެވެ.

ކުޅުދުއްފުށީގައި ބޭއްވި ޕީއެންސީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ހައުސިން މަޝްރޫއު މިހާރު ވަނީ އެޗްޑީސީއާ ހަވާލުކުރެވިފައި ކަމަށާއި، މަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި މަސައްކަތް ފެށުމުގެ އިތުރުން، އެ ފްލެޓްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް އިއުލާން ކުރެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި މަޝްރޫއުގެ މާޒީއަށް އަލިއަޅުވާލައްވަމުން މުއްތަލިބު ވިދާޅުވީ، ކުރީ ސަރުކާރުން 2022 ވަނަ އަހަރުގެ ޖުލައި މަހު ފެށި މި މަސައްކަތް ހަވާލުކޮށްފައި އޮތީ އޭރުގެ މެންބަރެއްގެ ކުންފުންޏަކާ ކަމަށެވެ. އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 65 މިލިއަން ރުފިޔާ އަދި މަސައްކަތް ހިނގަމުން ދިޔައިރު 21 މިލިއަން ރުފިޔާއާއެކު ޖުމްލަ 86 މިލިއަން ރުފިޔާ ސަރުކާރުން ދޫކޮށްފައިވީ ނަމަވެސް، ވެރިކަން ބަދަލުވިއިރު ނިމިފައިވަނީ މަސައްކަތުގެ އެންމެ 18 އިންސައްތަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުން މަސައްކަތްކުރީ އެ ކުންފުންޏާ ވާހަކަދައްކައިގެން އަލުން މަސައްކަތް ފެށުމަށް ކަމަށާއި، ނަމަވެސް އެކަމަށް އެއްބަސްނުވުމުން މިދިޔަ އަހަރުގެ މެދުތެރޭގައި އެއްބަސްވުން ބާތިލުކުރީ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. މިހާރު ކުރިއަށްދާ 2،000 ޔުނިޓުގެ މަޝްރޫއަކީ އެއަށްފަހު އެޗްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.