ރައީސް އިއުލާންކުރެއްވި ބޯހިޔާވަހިކަމުގެ އާ ދެ މަޝްރޫއަކީ އިޖުތިމާއީ ބޮޑު ހައްލެއް: މުއްޠަލިހު

ރައީސް އިއުލާންކުރެއްވި ބޯހިޔާވަހިކަމުގެ އާ ދެ މަޝްރޫއަކީ އިޖުތިމާއީ ބޮޑު ހައްލެއް: މުއްޠަލިހު

Author
ޙަސަން މުޙައްމަދު
06 ފެބްރުއަރީ 2026 03:40
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި ބޯހިޔާވަހިކަމުގެ އާ ދެ މަޝްރޫއަކީ، އާންމު އާއިލީ ބޯހިޔާވަހިކަމުގެ މަޝްރޫއާ މުޅިން ތަފާތު އަދި މުޖުތަމައުގައި ހުރި ޒަމާންވީ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ފަރުމާކޮށްފައިވާ މުހިންމު ދެ މަޝްރޫއު ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ވަނީ ދެމަފިރިންގެ ތެރެއިން އެކަކުގެ ނަމުގައި ބޯހިޔާވަހިކަން އޮތް ނަމަވެސް، އަނެއް މީހާއަށް ބޯހިޔާވަހިކަމަށް އެދެވޭނެ ގޮތް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ. އަދި 'ބިންވެރިޔާ' ސްކީމުގެ ދަށުން ޖޮއިންޓްކޮށް ގޯތި ލިބުނު ފަރާތްތަކުން، އެ ގޯތި ދޫކޮށްލަން އެއްބަސްވާނަމަ ވަކިވަކި ގޯތި ލިބޭނެ ގޮތް ހަމަޖައްސަވާނެކަން ވެސް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، ދެމަފިރިންގެ ތެރެއިން އެކަކުގެ ނަމުގައި ބޯހިޔާވަހިކަން އޮތް ނަމަވެސް އަނެއް ފަރާތަށް ގޯއްޗަށް އެދުމުގެ ފުރުސަތު ދިނުމަކީ، އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދޭ އުސޫލަށް ބަދަލު އަންނާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ ރައްޔިތުންނަށް ދިގު މުއްދަތުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ބިން މިލްކުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމެވި ނިންމެވުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ޖޮއިންޓް އޯނާޝިޕް ނުވަތަ ގިނަ ބަޔަކު ބައިވެރިވެގެން ލިބިފައިވާ ގޯތިތައް ދޫކޮށްލުމުން ވަކިވަކި ގޯތި ދޫކުރުމަށް ނިންމެވި ނިންމެވުމަކީ އިޖުތިމާއީ ގިނަ މައްސަލަތަކެއްގެ ހައްލު ކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މާލީ ތަނަވަސްކަމުގެ ތަފާތުތަކާއި، އާއިލީ ގުޅުންތަކަށް އަންނަ ބަދަލުތަކާއި އަދި ތަރިކައިގެ މައްސަލަތަކުގެ ސަބަބުން، ގިނަ ބަޔަކު ހިއްސާވާ ބިންތަކުގައި ގެދޮރު އެޅުމަށާއި ދިރިއުޅުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެއެވެ. އެހެންކަމުން ވަކިވަކި ގޯތި ލިބޭނެ މަގު ފަހިވުމަކީ މިފަދަ އާއިލީ އަދި ގާނޫނީ އޮޅުންބޮޅުންތައް ކުޑަކޮށްދޭނެ ކަމެކެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އާންމު ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަކީ މީހުންގެ ނިޔަތާމެދު ކުރެވޭ ހީތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލެވޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކުގައި އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ އެއްވެސް ބިމެއް ނުވަތަ ގެދޮރެއް ނެތް ފަރާތްތަކަށް ކަމަށާއި، މި އާ ބަދަލުތަކަކީ ދިރިއުޅުމުގެ ހަގީގަތްތަކާ އެއްގޮތަށް ނިޒާމު އިތުރަށް ފުރިހަމަކޮށް އިންސާފުވެރިކަން ގާއިމުކުރުމަށް އެޅުއްވި ފިޔަވަޅުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.