ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިމިދިޔަ ޖެނުއަރީ މަހަކީ ފާއިތުވި އެއް ދަހަަރައިގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އެއް މަހެވެ. މިގޮތުން، މިއަހަރުގެ ޖެނުއަރީ މަހު ރެކޯޑު އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ހިސާބުތަކުން ހާމަވެއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް ޖުމްލަ 224,788 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރު، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޒިޔާރަތްކުރި 214,863 ފަތުރުވެރިންނާ އަޅާބަލާއިރު 4.6 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަ މިންވަރު ދައްކުވައިދޭ ހެޔޮ ފާލެކެވެ.
ވޭތުވެދިޔަ 10 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އަންނަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު 125,336 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މި އަދަދު ވަނީ މިއަހަރު ދެ ލައްކައިން މައްޗަށް އަރާފައެވެ. ނަމަވެސް، ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން 2021 ވަނަ އަހަރު މި އަދަދު 92,103 އަށް ދަށްވެގެން ދިޔަކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ޖެހިގެން އައި 2022 ވަނަ އަހަރުން ފެށިގެން މި ސިނާއަތް ވަނީ ހަލުވިކަމާއެކު އަލުން ކުރިއަރަން ފަށާފައެވެ.
ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އަދަދު އިތުރުވި ނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތަށް ބަލާއިރު އެންމެ ދިގު މުއްދަތެއް ހޭދަކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ. އެ އަހަރު އެވްރެޖްކޮށް ފަތުރުވެރިން 9.2 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވާއިރު، އެއީ ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރުގެ ގަވާއިދުތައް ހަރުކަށިވެ، ކަރަންޓީނުވުމާއި ދަތުރުކުރުމުގައި ހުރި ދަތިތަކާ ހެދި ދިމާވި ކަމެއް ކަމަށް ބެލެވެއެވެ. މިއަހަރުގެ ފެށުން ރަނގަޅުވެފައިވާއިރު، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
ކޮމެންޓު ފޮނުވާ