ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 5 ގައި އިއްޔެ އިރުއޮއްސުނު ވަގުތު ހިނގި އަލިފާނުގެ ހާދިސާގައި، ފުރަތަމަ އަންދާޒާކުރެވުނު ވަރަށްވުރެ ލިބުނު ގެއްލުންތައް ބޮޑުވެ، ގިނަ ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ 7 އެޕާޓްމަންޓަކުން 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށެވެ. ނަމަވެސް، ފަހުން އެ އޮތޯރިޓީން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ގެއްލުން ލިބުނު މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން އެހީތެރިކަން ބޭނުންވެގެން ރިޕޯޓުކޮށްފައިވާ 18 އެޕާޓްމަންޓެއްގައި ދިރިއުޅޭ 85 ފަރާތަކަށް މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ. އަދި މީގެ އިތުރުން، މި ހުރިހާ ފަރާތްތަކަށް ކެއިންބުއިމުގެ އިންތިޒާމުވެސް އެ އޮތޯރިޓީން ވަނީ ހަމަޖައްސައިދީފައެވެ.
އަލިފާނުގެ ސަބަބުން އިމާރާތުގެ އުމްރާނީ ވަސީލަތްތަކަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ޑިޒާސްޓާ މެނޭޖްމަންޓުން މައުލޫމާތު ދޭ ގޮތުގައި އެ ޓަވަރުގެ 38 އެޕާޓްމަންޓެއްގެ ނަރުދަމާ ނިޒާމަށް (ހޮޅިތަކަށް) ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މިކަމާ ގުޅިގެން ނަރުދަމާއަށް ލިބުނު ގެއްލުންތައް ދެނެގަނެ، އެކަންކަން މަރާމާތުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ދަނީ ކުރަމުންނެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ވައިގޮޅީގެ ތެރޭގައި ހަރުލާފައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށްވީ ނަމަވެސް، އަލިފާން ރޯވާން ދިމާވި ސީދާ ސަބަބު އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެންޑީއެމްއޭއިން ހާމަކުރާގޮތުގައި، މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އެޗްޑީސީއާ ގުޅިގެން އެ އޮތޯރިޓީން އަންނަނީ ބަލަމުންނެވެ.
ކޮމެންޓު ފޮނުވާ