މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަންނަ މަހުގެ 15 އަށް ތާވަލުކޮށް، އައު ބަދަލުތަކެއް ގެންނަނީ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަންނަ މަހުގެ 15 އަށް ތާވަލުކޮށް، އައު ބަދަލުތަކެއް ގެންނަނީ

Author
ހުސެއިން
22 ޖެނުއަރީ 2026 10:11
0

ރާއްޖޭގެ ކުޅިވަރު އާއިލާގެ އެންމެ ޝަރަފުވެރި ރޭ ކަމުގައިވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ނިންމައި، އެ ހަފްލާގެ ތައްޔާރީތައް ފަށައިފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވަނީ މި ތާރީޚު ކަށަވަރުކޮށްދެއްވައި، މިއަހަރުގެ އެވޯޑު ހަފްލާއިން ފެނިގެންދާނެ މުހިންމު ބަދަލުތަކެއް ހިއްސާކުރައްވާފައެވެ.

ވަޒީރު ރާފިއު ވިދާޅުވި ގޮތުގައި މި ފަހަރުގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި، ކުޅުންތެރިންނަށް ލިބޭ އެވޯޑާއެކު ރަސްމީ ސެޓްފިކެޓެއް ދިނުން ހިމެނެއެވެ. މިއީ ކުރީ އަހަރުތަކުގައި ނުކުރާ ކަމެއް ނަމަވެސް، މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ އެތުލީޓުންގެ ވަނަވަރު (ސީވީ) ވަރުގަދަކުރުމަށް އެހީތެރިވެދިނުމާއި، އެ ކުޅުންތެރިޔަކަށް ލިބުނު ކާމިޔާބީ ރަސްމީކޮށް ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެވޯޑު ދިނުމުގެ އުސޫލުތައް ހަރުދަނާކޮށް، އެންމެ އިންސާފުވެރިކަމާއެކު ވަނަތައް ހޮވުމަށްޓަކައި އެވޯޑު ކޮމިޓީން އަންނަނީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަޒީރު ވިދާޅުވީ މައުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާއިން ހާސިލުކުރެވުނު ކާމިޔާބީތަކާއި ކުޅިވަރު މުޖުތަމައުއަށް ގެނެވުނު ހެޔޮ ބަދަލުތައް މި ހަފްލާގައި ފާހަގަކުރެވިގެންދާނެ ކަމަށާއި، ކުޅިވަރު އާއިލާއިން އެދޭފަދަ ކަންތައްތަކެއް ފެނިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ރާއްޖޭގެ ކުޅުންތެރިންގެ އަގުވަޒަންކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި އެވޯޑު ހަފްލާއަކީ މުޅި ކުޅިވަރު އާއިލާއިންވެސް ވަރަށް ބޮޑު އިންތިޒާރެއް ކުރާ، އަދި ކުޅިވަރުގެ އެންމެ ބޮޑު އީދު ކަމުގައި ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.