މިއަހަރު 12،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށަނީ: ފުރަތަމަ މަޝްރޫޢު މިމަހު

މިއަހަރު 12،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށަނީ: ފުރަތަމަ މަޝްރޫޢު މިމަހު

Author
އަލީ ރައޫފް
20 ޖެނުއަރީ 2026 11:56
0

މިއަހަރުގެ ތެރޭގައި ޖުމްލަ 12،000 އެއްހާ ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށާއި، އޭގެ ތެރެއިން ފުރަތަމަ މަޝްރޫޢުގެ މަސައްކަތް މިމަހު ފައްޓަވާނެކަމަށް ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، އިޤްތިޞާދީ ޙާލަތު ހުރިގޮތުން ބޭރުގެ ލޯނު ލިބުން ދަތިވުމާ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން 3272 ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ވިލިމާލެއާއި ހުޅުމާލޭގެ ފުރަތަމަ އަދި ތިންވަނަ ފިޔަވަހީގައި ފްލެޓްތައް އެޅުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުން ބޭނުންވަނީ ހިލޭ ބިން ދޫކޮށްގެން، ކުޑަ ފައިދާއެއް ލައިގެން ރައްޔިތުންނަށް އަތްފޯރާ އަގެއްގައި މި ތަންތަން ފޯރުކޮށްދިނުމަށެވެ. އަދި އަމާޒަކީ މި މަޝްރޫޢު ދެ އަހަރު ތެރޭގައި ނިންމާލުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅިފަޅުގައި 4000 ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް އަހަރުގެ މެދުތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، ޗައިނާ ސަރުކާރުގެ ލޯނު އެހީގެ ދަށުން 500 ޔުނިޓް އަދި ސަޢުދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި 400 ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިއަހަރު 12،000 ޔުނިޓްގެ މަސައްކަތް ފެށުމަކީ ރެކޯޑް އަދަދެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރައްޔިތުންނަށް އެތަންތަން ހަވާލުކުރުން ނުވަތަ ޤާނޫނީ ގޮތުން މިލްކުވެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. މި މަޝްރޫޢުތަކުގައި ބޮޑަށް އިސްކަންދެނީ 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހެދުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވައްސަލާމް
މާތްކަލާކޯ! ދައުލަތަށް ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ތިޔަ ސަރަޙައްދަށް ޚަރަދުކުރާއިރު ތަންކޮޅެއް ފަސޭހައިން އަހަރެމެންނަށް ތިޔަ ސަރަޙައްދަށް ބަދަލުވެ ތިޔަ ހިތްގައިމުކަން ޙިއްސާކުރުމަށް ފުރުޞަތު ލިބޭގޮތަކަށް ތިކަންކުރާނަމަ! ވަކި މުއްދަތަކަށް ތިޔަ ސަރަޙައްދުގައި ދިރިނުއުޅުނަސް ދިވެހި ރައްޔިތަކަށްވިއްޔާ ފުރުޞަތު އޮންނަގޮތަކަށް އުޞޫލުތައް ބަދަލުކޮށްބަލަ! ތިޔަ ތަނުގައި ދިރިއުޅެން ބޭނުންވެގެން ދާ މީހަކަށް ފަސޭހައިން ފުރުޞަތު ފަހިވާގޮތަކަށް އޮންނަންއެބަޖެހޭ! ރާއްޖޭގެ އެކިރަށްތަކަށް ކުރާ ޚަރަދާއި ނުބައްދަލު މިންވަރަކަށް ތިޔަ ސަރަޙައްދަށް ޚަރަދު ކުރުމަށް ދެކޮޅު ހަދަނީކީނޫން! އެކަމަކު ޚަރަދުގައި ޙިއްސާވާފަދައިން ފަސޭހައިގައިވެސް ޙިއްސާވުމުގެ ފުރުޞަތު ފަސޭހަމަގަކުން ލިބެންޖެހޭ!