މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ފްލެޓްތަކުގެ ޢަމަލީ މަސައްކަތް މި ހިނގާ ޖެނުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެންމެ ފުރަތަމަ މަސައްކަތް ފެށިގެންދާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކުރިއަށްގެންދާ 3،300 ޔުނިޓުގެ މަޝްރޫޢުތަކުގައި ކަމަށެވެ. މި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެހި، ކޮންޓްރެކްޓަރުންނާއެކު ސޮއިކުރެވިފައިވާތީ، ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. އަދި މި ސަރުކާރު ވެގެންދާނީ، އަމިއްލައަށް ފަށާ ހައުސިންގ މަޝްރޫޢުތައް މި ދައުރުގެ ތެރޭގައި ނިންމައި ރައްޔިތުންނާ ހަވާލުކުރާ ފުރަތަމަ ސަރުކާރަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 15،000 ގޯއްޗާއި 7،900 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން ގޯއްޗަށް އެދުމުގެ ފުރުސަތު މާރިޗު 4 ގެ ނިޔަލަށް އޮތްއިރު، ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 17 އެވެ. މި މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ފްލެޓް ދޫކުރާނީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ފަރާތްތަކުގެ އިތުރުން ޚާއްޞަ ކެޓަގަރީތަކަށް ބަހާލައިގެންނެވެ.
ކޮމެންޓު ފޮނުވާ