ޔާމީންގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރުގެ މައްސަލަ: އަޑުއެހުންތައް ނިންމާލައި ހުކުމާ ހިސާބަށް

ޔާމީންގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރުގެ މައްސަލަ: އަޑުއެހުންތައް ނިންމާލައި ހުކުމާ ހިސާބަށް

Author
އައިޝަތު އަޙްމަދު
20 ޖެނުއަރީ 2026 04:23
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފުގެ އަޑުއެހުންތައް ދެވަނަ ފަހަރަށް ނިންމާލައި، މައްސަލައިގެ ހުކުމް އިއްވުމާ ހިސާބަށް ޝަރީއަތުން ގޮސްފިއެވެ. މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެ ފައިސާ އަނބުރާ ލިބިވަޑައިނުގަތުމުން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައެކެވެ.

މި މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުވެސް ވަނީ ނިންމާލާފައެވެ. ނަމަވެސް، މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗަށް އައި ބަދަލަކާ ގުޅިގެން މައްސަލަ މަޑުޖެހިފައި އޮތުމަށްފަހު، އަލުން އަޑުއެހުމެއް ބާއްވައި މިވަނީ މައްސަލަ ނިންމާލާފައެވެ. މި މައްސަލައަކީ އެސްކްރޯ އެކައުންޓްގެ މުއްދަތު ހަމަވުމުންވެސް ފައިސާ ދޫކޮށްފައިނުވާތީ، އެ ފައިސާ އަނބުރާ ހޯދުމަށާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އޭސީސީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މަޑުޖައްސާލުމަށް ހައިކޯޓުން ކުރިން އަމުރުކޮށްފައިވާތީ ކުރިއަށްދާ އިސްތިއުނާފެކެވެ.

ޝަރީއަތުގެ މަޖިލީހުގައި ބޭންކުގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި، އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާ ހޯދުމަށް ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެއެވެ. ނަމަވެސް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރައްވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. މިހާރު ހައިކޯޓުގެ އަޑުއެހުންތައް ނިމިފައިވުމާއެކު، ދެން އޮންނާނީ މި މައްސަލައިގެ ފަހު ނިންމުން ނިންމުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.