ގދ. ވާދޫ ފަރަށް އެރި ލޭންޑިން ކްރާފްޓް ފުންކޮށްފި: ކައުންސިލުން ތުހުމަތު ކުރަނީ ކެޕްޓަންގެ އިހުމާލަށް

ގދ. ވާދޫ ފަރަށް އެރި ލޭންޑިން ކްރާފްޓް ފުންކޮށްފި: ކައުންސިލުން ތުހުމަތު ކުރަނީ ކެޕްޓަންގެ އިހުމާލަށް

Author
އަލީ ރައޫފް
16 ޖެނުއަރީ 2026 12:12
0

ގދ. ވާދޫގެ ފަރުމައްޗަށް އިއްޔެ ރޭގެ ވަގުތެއްގައި އެރި ލޭންޑިން ކްރާފްޓް، ކުރެވުނު މަސައްކަތްތަކަށްފަހު މިރޭގެ ވަގުތެއްގައި ފުންކޮށްފިއެވެ. އެރަށުން މައުލޫމާތު ދިން ފަރާތަކުން ކަށަވަރުކޮށްދިން ގޮތުގައި، ފަރަށް އަރާފައި އޮތް މި އުޅަނދު ފުންކުރެވިފައިވަނީ މިރޭ 11:08 ހާއިރުއެވެ.

މި ހާދިސާއާ ގުޅިގެން ވާދޫ ކައުންސިލްގެ ރައީސް ޙަސަން ޢަބްދުالله ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލޭންޑިން ކްރާފްޓް ފަރަށް އަރާފައިވަނީ ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. ރަށުގެ ނެރުބައްތި ނެތް ކަމުގައި ވިޔަސް، އެސްޓީއޯގެ ތެޔޮ ބޯޓު ފަހަރާއި އެހެނިހެން އުޅަނދުތައް ވެސް އެއްވެސް ދަތިކަމެއް ނެތި އެރަށަށް ވަދެ ނުކުމެ ހަދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޙަސަން އިތުރަށް ވިދާޅުވި ގޮތުގައި ލައިސަންސް އޮތް ޒިންމާދާރު ކެޕްޓަނެއް ނަމަ، ނެރުބައްތި ނެތް ހާލަތެއްގައި ވެސް ސަރަހައްދަށް ވަނުމުގެ ކުރިން އަލިކަމެއް ނުވަތަ އެހެން އިޝާރާތެއް ހުރިތޯ ބަލާނެއެވެ. ނަމަވެސް ފެންނަން ހުރި މަންޒަރުތަކަށް ބަލާއިރު ފެންނަނީ ފަރުވާކުޑަ ކޮށްފައިވާ ތަން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ވާދޫގެ ފަރުގެ ބޮޑު ބައެއް ކުރިންވެސް މަރުވެފައިވާކަން ފާހަގަކުރައްވައި ކައުންސިލް ރައީސް ވިދާޅުވީ، ފަރު ހެދިބޮޑުވުމަށް ހުރަސްތަކެއް ހުރި މި ދަނޑިވަޅުގައި މިފަދަ ހާދިސާތައް ހިނގުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ބަލައި، ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.