ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ 150،000 ޑޮލަރުގެ އިނާމު ފ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބިއްޖެ

ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ 150،000 ޑޮލަރުގެ އިނާމު ފ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބިއްޖެ

Author
ހުސެއިން
14 ޖެނުއަރީ 2026 02:51
0

ޔުނައިޓެޑް އެރެބް އެމެރޭޓްސް (ޔޫއޭއީ) އިން ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ ޝަރަފުވެރި "ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް" އަދި އެ އެވޯޑާއެކު ދޭ 150،000 ޑޮލަރު (ގާތްގަނޑަކަށް 2.3 މިލިއަން ރުފިޔާ) ގެ ފައިސާގެ ބޮޑު އިނާމު، ރާއްޖޭގެ ފ. އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބުކޮށްފިއެވެ. މިއީ ސާފު ހަކަތަ، ފެން، ކާނާ އަދި ސިއްހީ ޚިދުމަތްތަކާ ގުޅުންހުރި ދެމެހެއްޓެނިވި މަޝްރޫއުތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ޔޫއޭއީގެ ބާނީ ޝައިޚް ޒައިދު ބިން ސުލްތާން އަލް ނަހްޔާންގެ ހަނދާނުގައި ކޮންމެ އަހަރަކުވެސް ދެމުން އަންނަ ބައިނަލްއަޤްވާމީ އެވޯޑެކެވެ.

އަބޫދާބީގައި އިއްޔެ ފެށި "ޒައިދު ސަސްޓެއިނެބިލިޓީ ވީކް" ގެ ތެރެއިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެވޯޑު އެ ސްކޫލާ ހަވާލުކޮށްފައިވާއިރު، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ހަލީލް ވަނީ އަބޫދާބީއަށް ވަޑައިގެންފައެވެ. އެމަނިކުފާނަކީ އެ ސްކޫލު ހުންނަ ފ. ނިލަންދުއަށް އުފަން ބޭފުޅެއްކަން ވެސް ފާހަގަކޮށްލެވެއެވެ. މި އެވޯޑު ފ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބިފައިވަނީ، ސްކޫލުގެ ހަކަތައިގެ ނިޒާމު މުޅިން އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ހުށަހެޅި ފާހަގަކޮށްލެވޭ މަޝްރޫއަކަށެވެ.

ސްކޫލުގެ ދަރިވަރުންގެ އިސްނެގުމާއެކު ހުށަހެޅި މި ޕްރޮޕޯސަލްގެ މައިގަނޑު އަމާޒަކީ، މުޅި ސްކޫލުގައި ސޯލާ ޕެނަލް ހަރުކޮށް، ކަރަންޓަށް ކުރާ ހޭދަ އެއްކޮށް ކުޑަކުރުމެވެ. އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ އަހުމަދު ވިދާޅުވެފައިވާ ގޮތުގައި، މިހާރު ވެސް އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލުގެ ކަރަންޓު ބިލަށް މަހަކު އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކުރަން ޖެހޭއިރު، މި މަޝްރޫއު ކާމިޔާބުވުމުން ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި އޭގެ އިތުރުން، މި މަޝްރޫއުގެ ދަށުން އުފައްދާ އިތުރުވާ ކަރަންޓު ފެނަކައިގެ ގްރިޑަށް ދޫކޮށްގެން ސްކޫލަށް އާމްދަނީ ހޯދުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

މިއީ ރާއްޖޭގެ ސްކޫލަކަށް މި ޝަރަފުވެރި އެވޯޑު ލިބުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އައްޑޫ ހައި ސްކޫލާއި ހިރާ ސްކޫލުން ވެސް ވަނީ ތިމާވެއްޓާއި ރައްޓެހި އީޖާދީ ޚިޔާލުތަކާއެކު މި އެވޯޑު ހާސިލުކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ރީތި ނަން ހޯދައިދީފައެވެ. ފ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބުނު މި ކާމިޔާބީއާއެކު، އެ ސްކޫލުގެ އަމާޒާ އެއްގޮތަށް ކަރަންޓު ހަރަދު ސުމަކަށް ތިރިކުރުމުގެ މަސައްކަތް ހަގީގަތަކަށް ވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.