ފްރެންޗް ލީގުގައި ރޭ ބްރެސްޓް އާއި ދެކޮޅަށް ކުޅެ ޕީއެސްޖީއިން ޕޮޗެޓީނޯގެ ކޯޗު ކަމުގެ ދަށުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފިއެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން އެޓީމު މޮޅުވީ 0-3 ލަނޑުންނެވެ. ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ޕީއެސްޖީން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މޮއިސް ކީންއެވެ. ޕީއެސްޖީން މެޗުގައި ދެން ޖެހި ދެލެނޑުވެސް ޖަހާފައިވަނީ މެޗުގެ އެންމެ ފަހު ދިހަ މިނެޓުގެ ތެރޭގައެވެ. އެގޮތުން އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭގެ އެހީތެރިކަމާއި އެކު މައުރޯ އިކާޑީ ކާމިޔާބު ކޮށްދިން އިރު އޭގެ ދެމިނެޓު ފަހުން އިކާޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕަބްލޯ ސަރާބިއާ ވަނީ ޕީއެސްޖީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.
ރޭ ލީގުގެ އެއްވަނައިގައި އޮތް ލިޔޯން ވަނީ ރެނެސް އާއި ދެކޮޅަށް ކުޅެ 2-2 ލަނޑުން އެއްވަރުވެފައެވެ. މެޗުގެ ފުރަތަމަ ދެ ލަނޑުޖަހާ ކުރިހޯދީ ރެނެސް އިންނެވެ. ލިޔޯން އިން ފަރަގު ކުޑަކުރި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި މެމްފިސް ޑީޕޭ ކާމިޔާބުކުރި އިރު އެޓީމުން ނަތީޖާ ހަމަހަމަކުރި ލަނޑު އޭގެ ތިން މިނެޓު ފަހުން ކާމިޔާބު ކޮށްދިނީ ޖޭސަން ޑެނަޔާއެވެ.
މިނަތީޖާ އާއިއެކު ޕީއެސްޖީއިން ވަނީ އެއްވަނައިގައި އޮތް ލިޔޯން އާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓް އަށް ކުޑަކޮށްފައެވެ. ލިޔޯން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 19 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ.
ކޮމެންޓު ފޮނުވާ