ރާއްޖޭގައި ހިންގާ ބިޔަ 19 މަޝްރޫއަކުން އިންކަމް ޓެކްސް ނުނަގާގޮތަށް ހަމަޖައްސައިފި

ރާއްޖޭގައި ހިންގާ ބިޔަ 19 މަޝްރޫއަކުން އިންކަމް ޓެކްސް ނުނަގާގޮތަށް ހަމަޖައްސައިފި

Author
ހުސައިން
08 ޖެނުއަރީ 2026 09:48
0

ރާއްޖޭގައި ހިންގަމުންދާ އުމްރާނީ ތަރައްގީގެ ބިޔަ 19 މަޝްރޫއެއް ހިންގާ ބޭރުގެ ކުންފުނިތަކުން އިންކަމް ޓެކްސް ނުނަގާ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ. މިއީ އިންކަމް ޓެކްސް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ޚާއްސަ އިޚްތިޔާރުގެ ދަށުން، ވަކި މަޝްރޫއުތަކަކުން ނުވަތަ ސިނާއަތްތަކުން ލިބޭ އާމްދަނީން ޓެކްސް އިސްތިސްނާ ކުރުމަށް ދީފައިވާ ބާރުގެ ދަށުން ނިންމަވާފައިވާ ނިންމުމެކެވެ. މި ލިސްޓުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިސްތިސްނާ ދީފައިވާ މަޝްރޫއުތަކާއި މި ސަރުކާރުން އިސްތިސްނާ ދިން މަޝްރޫއުތައް ހިމެނެއެވެ.

ޓެކުހުން އިސްތިސްނާ ދިން ގިނަ މަޝްރޫއުތަކަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނާއި، ބޭރުގެ އެކި ގައުމުތަކާއެކު ވެފައިވާ "ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓް" ތަކުގެ ދަށުން ހިންގާ މަޝްރޫއުތަކެވެ. އެހެންކަމުން އެ އެއްބަސްވުންތަކާ އެއްގޮތަށް އެ މަޝްރޫއުތަކާ ގުޅޭ ޓެކްސްތައް ދިވެހި ސަރުކާރުން ވަނީ މައާފުކޮށްދީފައެވެ.

މިގޮތުން ޓެކްސް މައާފުކޮށްދިން އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި 8.17 ބިލިއަން ރުފިޔާގެ ތިލަމާލެ ބްރިޖް މަޝްރޫއު (އެފްކޮންސް) އާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު (ޖޭއެމްސީ) ގެ އިތުރުން ހުޅުމާލޭގައި އަޅާ 4,000 ސޯޝަލް ހައުސިންގ ޔުނިޓްގެ މަސައްކަތް ހިމެނެއެވެ. އަދި މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕާއި، އައްޑޫ ސިޓީގެ މަގުހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުތަކާއި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހަވާލުކޮށްފައިވާ ބޭރުގެ ކުންފުނިތައްވެސް މި އިސްތިސްނާގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.