އިރުއުތުރުން އަންނަ ވަޔާއެކު ދުންފުހުގެ އަސަރު ބޮޑުވަނީ، ރައްކާތެރި ވުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފި

އިރުއުތުރުން އަންނަ ވަޔާއެކު ދުންފުހުގެ އަސަރު ބޮޑުވަނީ، ރައްކާތެރި ވުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފި

Author
ޙަސަން މުޙައްމަދު
07 ޖެނުއަރީ 2026 08:23
0

ކުރިޔަށް އޮތް 5 ދުވަހު އިރުއުތުރުން އަންނަ ވައިގެ ސަބަބުން ރާއްޖޭގެ ސަރަހައްދުތަކުގައި ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ހުންނާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މިދިޔަ 7 ދުވަހުގެ ތެރޭގައި ދުންފުހުގެ އަސަރު އެންމެ ބޮޑުވީ މިއަދުކަމަށާއި، ޚާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑުކަމަށް މެޓް އޮފީހުން ހާމަކުރިއެވެ.

މެޓް އޮފީހުގެ ރިޕޯޓްތަކުން ދައްކާގޮތުގައި މެދު ރާއްޖެތެރޭގައި ދުރުފެންނަ މިންވަރު 1.5 ކިލޯމީޓަރަށްވުރެ ދަށްވެފައިވާއިރު، ވައި ސާފު ދުވަހެއްގައި 10 ކިލޯމީޓަރުގެ ދުރުމިން ހަމަލޮލަށް ފެންނާނެކަމަށް އެ އިދާރާއިން ބުނެއެވެ. މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ވައި ނުސާފުވެ އޮރެންޖު އެލާޓްވެސް ނެރެފައިވެއެވެ.

ދުންފުހުގެ އަސަރު ކުރިޔަށްވެސް ހުންނާނެތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ. ބޭރުގައި އުޅޭ ފަރާތްތަކުން އެޗްޕީއޭގެ އިރުޝާދުތަކަށް ސަމާލުވުމަށާއި، ކަނޑުދަތުރުކުރާއިރު ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. އެޗްޕީއޭއިން ވަނީ ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަވަގުތު ހޭދަ ނުކުރުމަށާއި، ނިކުންނަން ޖެހިއްޖެ ހާލަތްތަކުގައި ރައްކާތެރި މާސްކު އެޅުމަށް އިލްތިމާސްކޮށްފައެވެ.

ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަވަގުތު ހޭދަ ނުކުރުމަށާއި، ތުއްތު ކުދިން ބޭރަށް ނުނެރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށްވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ. އިރުވައި މޫސުން ފެށޭ ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ނުސާފުވުމަކީ ޢާންމުކޮށް ފެންނަ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.