ހިޔާ ފްލެޓުގެ ޖޫރިމަނާތައް މާފުކޮށްދީފި

ހިޔާ ފްލެޓުގެ ޖޫރިމަނާތައް މާފުކޮށްދީފި

Author
އަހުމަދު
21 ޑިސެމްބަރ 2025 10:28
0

ސޯޝަލް ހައުސިން ސްކީމްގެ ފްލެޓުތަކުން ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަނަށް ގަވައިދުން ކުލި ނުދައްކާ ހިޔާ ފްލެޓްތަކުގެ ޖޫރިމަނާތައް މާފުކޮށްދީފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ. ޖޫރިމަނާތައް މާފުކޮށްދީފައިވާ ކަމަށް ލިޔުމުން ފްލެޓުތަކުގެ ވެރިންނަށް އަންގަން މި މަހުގެ 16 ވަނަ ދުވަހު ސިޓީތައް ފޮނުވާފައިވާނެ ކަމަށް އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވިއެވެ.

ރައްޔިތުންނަށް އިތުރު ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން 2023 ޑިސެމްބަރުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި 2024 ޖެނުއަރީއިން ފެށިގެން 2025 ނޮވެމްބަރު 30 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހި ނުދެއްކިވާ ފައިސާވެސް މާފުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ފްލެޓްގެ ވެރިންނަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ. ޖޫރިމަނާ ނުދައްކާ ތިބި ފްލެޓްގެ އަދަދާއި ގަވައިދުން ކުލިދައްކާ މީހުންގެ ތަފްސީލުތައް އަންނަ ހަފުތާގައި މީޑިޔާތަކަށް ހިއްސާކުރައްވާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއިން ހިޔާ ފްލެޓް ނިންމުމަށާއި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ނޮވެމްބަރު މަހު އެދިވަޑައިގެންފައިވެއެވެ. ހިޔާ ފްލެޓްތަކުގެ ފިނިޝިން ލޯނުގެ އިންޓަރެސްޓް ރޭޓް 12 ޕަސަންޓުން 10 ޕަސަންޓަށް ކުޑަކުރުމާއި، ވިނަރެސް ފްލެޓް ލޯނުގެ އިންޓަރެސްޓް ރޭޓް 9 ޕަސަންޓުން 8 ޕަސަންޓަށް ކުޑަކުރުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަސަރު
މިވެސް ދުވަހަކު ކޮޅުންނުލި ކަމެއް! ބަޔަކު ޤަޞްދުގައި ކުލި ނުދައްކައި އަދި ނުވީތަނަކަށް އެތަންތަން ބޮޑެތި ކުއްޔަށް ދޫކޮށް މަންފާ ނަގަމުންދާއިރު، އެމީހުން ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާ ނުވަތަ ޖަޒާއީ ޝަރުޠު އެދަނީ މާފުކޮށްދެއްމުން، ދައުލަތަށް ދަރަނި ނުނަގައި ދައުލަތަށް ޓެކްސް ދައްކައިގެން އުޅޭ ރައްޔިތުމީހަށް ކިހާ ބޮޑު ބޭއިންޞާފެއް! ނުވިތާކަށް ސޯޝަލް ހައުސިންގެ ނަމުގައި އަޅާ ފުލެޓުން ދެމަފިރިންނަށް ފުލެޓްލިބި އެތަންތަން ދައްކަންޖެހޭ ކުއްޔަށްވުރެ ޑަބަލް ބޮޑު ކުއްޔަށް ދޫކޮށްފައި ލަގްޒަރީ ފެންވަރުގެ ފުލެޓު ކުއްޔަށް ނަގައިގެން ނުވަތަ ރާއްޖެއިން ބޭރުގައި ދިރިއުޅެން އާމްދަނީ ހޯދާ ވަޞީލަތަކަށް އެތަންތަން އެވަނީ ހަދާފައި، މިކަންކަން ބަލައި ފިޔަވަޅު އެޅޭތަނެއް ނުފެނޭ، ހައްތާވެސް މިފެންނަނީ ކުލި ކުޑަކޮށް ނުވަތާކަށް ޤަޞްދުގައި ކުލި ނުދައްކައިގެން ކަނޑައަޅާފައިވާ އަދަބަށްވެސް ލުއިދީ މާފުދެމުން، މިކަމެއް ދުވަހަކުވެސް ހައްލެއްނުވާނެ!