ޑެންގީ ހުން ފެތުރެމުން ދާތީ ސަމާލުވުމަށް އެޗްޕީއޭގެ އިލްތިމާސް ކޮށްފި

ޑެންގީ ހުން ފެތުރެމުން ދާތީ ސަމާލުވުމަށް އެޗްޕީއޭގެ އިލްތިމާސް ކޮށްފި

Author
އަހުމަދު
20 ޑިސެމްބަރ 2025 06:45
0

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވަމުން ދިޔުމާ ގުޅިގެން، މި ބަލިން ރައްކާތެރިވުމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ އީޑިސް މަދިރި ހަފާތާ 2-7 ދުވަހުގެ ތެރޭގައި މި ބަލީގެ އަލާމާތްތައް ފެންނަން ފަށާނެ ކަމަށެވެ. މީގެ ތެރޭގައި 39 ޑިގްރީ ސެލްސިއަސްއަށްވުރެ ހުން ގަދަވުމާއި، ބޮލުގައާއި ގައިގައި ގަދައަށް ރިއްސުމާއި، ލޮލުގައި ރިއްސުމާއި، ގައިގައި ބިހިތަކެއް ނެގުމާއި، ހުޅުހުޅުގައި ރިއްސުމާއެކު ހުޅު ދުޅަވުމާއި، ބަނޑުގައި ރިއްސުން ހިމެނޭކަމަށް އެޖެންސީން ބުންޏެވެ.

މި ބަލީގެ ނުރައްކާތެރި އަލާމާތްތަކުގެ ގޮތުގައި އާދަޔާ ޚިލާފަށް ވަރުދެރަވުމާއި، ނޭފަތުން، ހިރުގަނޑުން އަދި ހަންގަނޑުން ލޭ އައުމާއި، ގަދައަށް ބަނޑުގައި ރިއްސުން ފާހަގަކުރެވޭކަމަށްވެސް އެޗްޕީއޭއިން ހާމަކުރިއެވެ.

ޑެންގީ ބަލި ޖެހިއްޖެނަމަ އަރާމުކުރުމަށާއި، ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ހުން މަޑުކުރުމަށާއި ގައިގައި ރިއްސުން ކުޑަކުރުމަށް ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށާއި، 3 ދުވަހަށްވުރެ ގިނަ ދުވަހު ހުން އަންނަނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށާއި، ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުމަށާއި، ކުޑަދޮރުތަކުގައި މަދިރި ދާ ޖެހުމަށާއި، ގޭތެރޭގައި މަދިރި ގެ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ ގޮވާލާފައެވެ. އީޑިސް މަދިރި އާއްމުކޮށް ދުވާލު ގަޑީގައި ހަފާތީ، ހުރިހާ ވަގުތެއްގައިވެސް މަދިރި ހެފުމުން ރައްކާތެރިވުން މުހިންމު ކަމަށް އެޖެންސީން ފާހަގަކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.