އިމްރާން ޚާނަށް ހަދިޔާ ގަބޫލުކުރި މައްސަލައިގައި 17 އަހަރުގެ ޖަލު ހުކުމެއް

އިމްރާން ޚާނަށް ހަދިޔާ ގަބޫލުކުރި މައްސަލައިގައި 17 އަހަރުގެ ޖަލު ހުކުމެއް

Author
އަހުމަދު
20 ޑިސެމްބަރ 2025 06:40
0

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އަނބިކަނބަލުން ބުޝްރާ ބީބީއަށް ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި އިރު ލިބިވަޑައިގެންނެވި ހަދިޔާ ގަބޫލުކުރެއްވުމުގެ މައްސަލައިގައި 17 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ. މި ހުކުމް އިއްވާފައި ވަނީ 2022 ވަނަ އަހަރު ވެރިކަމުން ދުރުކުރުމަށް ފަހު މިހާރު ޖަލުގައި ހުންނަވާ އިމްރާން އަނެއްކާ ވެސް ސިޔާސީ މައިދާނަށް ވަޑައިގަތުން އިތުރަށް އުނދަގޫތައް ކުރިމަތިވާނެއެވެ.

މި މައްސަލައިގައި އިމްރާނާއި ބީބީއަށް ވަނީ އިތުބާރު ގެއްލޭ ގޮތަށް ހަދިޔާ ގަބޫލުކުރުމުގެ ކުށުގައި 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި ލިބިވަޑައިގެންވި ހަދިޔާތައް ދައުލަތާ ހަވާލުކުރަން ނުޖެހޭ ގޮތަށް އަސްލު އަގަށް ވުރެ ދަށްކޮށް ދައްކައިގެން އަމިއްލަކޮށްފައިވާތީ އިތުރު ހަތް އަހަރުގެ ހުކުމެއް ވެސް އިއްވައިފަ އެވެ. މި ޖަލު ހުކުމާ ގުޅިފައިވަނީ 2021 ވަނަ އަހަރު މެއި މަހު ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިމްރާނާއި އަނބިކަނބަލުންނަށް ހަދިޔާއަކަށް ދެއްވި އިޓަލީގެ ލަގްޒަރީ ބްރޭންޑް ބުލްގާރީގެ ގަހަނާއާ އެވެ.

ޕާކިސްތާނުގެ ގާނޫނުގައި ބުނާ ގޮތުން ސަރުކާރުގެ އޮފިޝަލުން ލިބޭ ހުރިހާ ހަދިޔާއެއް ޑިކްލެއާ ކުރަން ޖެހެ އެވެ. އެ ހަދިޔާތައް ވަކި އަގަކަށް ވުރެ ދަށް ނަމަ އަމިއްލަ ބޭނުމަށް ގެންދެވޭނެ ނުވަތަ ޑިސްކައުންޓް އަގެއްގައި ގަންނަން ފުރުސަތު ލިބެ އެވެ. ވަލީއަހުދު މުހައްމަދު ދެއްވި ލަގްޒަރީ ގަޑިތަކުގެ މައްސަލައިގައި ވެސް މީގެ ކުރިން އިމްރާނަށް 14 އަހަރު އަދި ބީބީއަށް ހަތް އަހަރުގެ ހުކުމެއް އިއްވައިފައި ވެއެވެ.

އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީން ބުނީ މިއީ އިމްރާންގެ ޖަލު ހުކުމް ދިގުކޮށް ސިޔާސީ ގޮތުން ބާކީ ކުރުމަށް ކޮށްފައިވާ ހުކުމްތަކެއް ކަމަށާއި މުޅި ދުނިޔެ އަށް މިހާރު މިއީ އިންސާފުން ބޭރު ދައުވާތަކާއި ހުކުމްތައް ކަން ހާމަވެފައިވާ ކަމަށެވެ. 2023 ވަނަ އަހަރުން ފެށިގެން ޖަލުގައި ހުންނަވާ އިމްރާން އެންމެ ހުރިހާ ދައުވާތަކަކަށް ވެސް ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.