ބާސެލޯނާއަށް ސްޕެނިޝް ލީގުގު ހޯދުމުގެ ރޫހު އަތުވެއްޖެކަމަށް އެޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.
އެންމެފަހުން ލީގުގައި އެތުލެޓިކް ބިލްބާއޯ އަތުން ހޯދި މޮޅަށްފަހު ކޫމަން ބުނީ ބާސެލޯނާ ހަމަޔަކަށް އެޅި ޓީމުގެ ކުޅުން މަޑުމަޑުން ރަނގަޅުކުރަމުންދާ ކަމަށެވެ. އަދި މިހާރު ޓީމަށް އިތުބާރު ލިބި ކުޅުންތެރިންނަށް ހިއްވަރު އާވެގެން ހިނގައްޖެކަމަށް ކޫމަން ބުނެފައިވެއެވެ. މި ސީޒަނުގައި ޓީމާ ހަވާލުވި ކޯޗު ބުނީ ލީގުގެ ގޯސް ނަތީޖާ ތަކަށްފަހު ލީގުގެ ތަށި ކާމިޔާބުކުރުމުގެ ރޭހުގައި މިހާރު ބާސެލޯނާ އޮތީ ރަނގަޅު މިސްރާބުގައި ކަމަށެވެ.
ލީގުގައި މޮޅުވާންޖެހޭ ފަދަ މެޗުތައް ބާސެލޯނާއިން ގެއްލުވައިލައިފި ކަމަށާއި މެޗުތަކުން މޮޅުވާން ބޭނުންވާ ކަމުގައި ވާނަމަ އިތުބާރާއެކު ޓީމުން ކުޅެން ޖެހޭކަމަށް ކޫމަން ވަނީ ބުނެފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ދެ ލަނޑު ކާމިޔާބު ކުރި މެސީއާ ގުޅޭގޮތުން ކޫމަން ބުނީ އެއްވެސް އިރެއްގައި އޭނާގެ ހުނަރާ މެދު ޝައްކު ނުކުރާކަމަށެވެ.
ކޫމަން ބުނީ ބާސެލޯނާއަކީ އަބަދުވެސް ލީގު ހޯދުމަށް މަސައްކަތްކުރާނެ ޓީމެއް ކަމަށާއި އެންމެފަހުވަގުތާ ޖެހެންދެން އެ އަޒުމުގައި މިފަހަރު ވެސް މަސައްކަތް ކުރާނެކަމަށެވެ. މިއީ ދިގު ސީޒަނަކަށް ވުމުން ލީގުގައި އަދި ކޮންމެފަދަ ގޮތްތަކެއް ވެސް ވެގެން ހިގައިދާނެކަމަށް ބާސެލޯނާގެ ކޯޗު ބުނެފައިވެއެވެ. ލީގަށް ވާދަކުރަން ބޭނުން ނަމަ ބާސެލޯނާއިން ލީގުގައި އެއްފެންވަރެއްގައި މެޗުތަކުގައި ކުޅެންޖެހޭ ކަމަށް ކޫމަން ބުނެފައިވެއެވެ.
މިވަގުތު ބާސެލޯނާ އޮތީ ލީގުގެ ކުރީގައިވާ އެތުލެޓިކޯއަށް ވުރެ 7 ޕޮއިންޓް މަދުން ހޯދައިގެން ތިންވަނައިގަ 31 ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ