ކޮރަލް މަތިވެރި ފުޓްސަލް ލީގު: ވެލި ބީޗު މޮޅުވެ ލީޑު ފުޅާކޮށްފި

ކޮރަލް މަތިވެރި ފުޓްސަލް ލީގު: ވެލި ބީޗު މޮޅުވެ ލީޑު ފުޅާކޮށްފި

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2021 09:10
0

ކޮރަލް މަތިވެރި ފުޓްސަލް ލީގުގެ ދެވަނަ ބުރުގައި ރޭކުޅުނު މެޗު ކާމިޔާބުކޮށް ލީގުގެ އެއްވަނައިގައި ދަމަހައްޓަމުންދިޔަ ލީޑު ވެލި ބީޗުން ފުޅާކޮށްފިއެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ފަހު މެޗުގައި ރޭ ސެކަންޑް ހޯމް ރެސްޓޯރެންޓާއި ކުޅު މެޗު ވެލި ބީޗުން ކާމިޔާބު ކޮށްފައިވަނީ ފަސޭހަ ކަމާއިއެކު 7 ލަނޑު 4 ލަޑުންނެވެ. މިމެޗުގައި މޮޅު ކުޅުމެއްދެއްކި ވެލި ބީޗުގެ ހައިޝަމް އަލީ ވަނީ 4 ގޯލު ޖަހާފައެވެ. ވެލި ބީޗުގެ އަނެއް ތިން ލަޑު ޖަހައިދިނީ ޝަފްރާޒް އާއި، ޝާހިދުގެ އިތުރުން ވަޖީހު އެވެ. ސެކަންޑް ހޯމް ރެސްޓޯރެންޓަށް ލަޑުތައް ޖަހައިދިނީ ނަޝީދު، ރިފާހު، ޝާވިންއެވެ. އަނެއް ލަޑަކީ ވެލި ބީޗުގެ ޝަފްރާޒު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެލި ބީޗަށް ހަތަރު ގޯލު ކާމިޔާބުކޮށް، މެޗުގައި މޮޅު ކުޅުމެއް ދެއްކި ހައިޝަމް އަލީ އެވެ. މި މޮޅާއިއެކު ވެލި ބީޗުވަނީ 9 ޕޮއިންޓާއިއެކު އެއްވަނައިގައި ދަމަހައްޓަމުންދިޔަ ލީޑު ފުޅާކޮށްފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހަބޭސް ބޮޑުބެރު ގްރޫޕެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިން އެވެ.

މިމުބާރާތަކީ އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ލީގު އުސޫލުން ކުރިއަށް ގެންދާ 3 ލެގުގެ މުބާރާތެކެވެ. މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އެރަށުގެ އިޖުތިމާއީ، އަދި ތަރައްޤީގެ ގިނަ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.