މިވަގުތު ހުރިހާ ކަމަކަށްވުރެ މުހިންމީ ނަތީޖާ: މޯހަން

މިވަގުތު ހުރިހާ ކަމަކަށްވުރެ މުހިންމީ ނަތީޖާ: މޯހަން

Author
އިބްރާހީމް ސާޢިދު
08 ޖެނުއަރީ 2021 11:32
0

ދިރާގު ދިވެހި ލީގުގައި މިވަގުތު ހުރިހާކަމަކަށް ވުރެ މުހިންމީ ނަތީޖާ ކަމަށް ކުލަބް އީގަލްސްގެ ކޯޗު މުހަންމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ސީޒަން ފެށިއިރު ޗެމްޕިއަން ކަމަށް ވާދަކުރަން އުއްމީދުކުރި ނަމަވެސް މިހާރުގެ ހާލަތަށް ބަލާނަމަ މަސައްކަތްކުރަން ޖެހެނީ ރެލިގޭޝަނުން ސަލާމަތްވާން ކަމަށް މޯހަން ވަނީ ބުނެފައެވެ. އީގަލްސް އަށް ނަތީޖާ ނެރުމުގައި މި ވަގުތު ދިމާވެފައި އޮތް ޗެލެންޖަކީ އަނިޔާގެ މައްސަަލަތަކެވެ. އީގަލްސްގެ ތަރި އަހުމަދު ރިޒުވާން (ރިޒޭ)ގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ދެން މި ސީޒަނުގައި ނުކުޅޭނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

ސީޒަން ފެށިއިރު ޗެމްޕިއަން ކަމަށް ވާދަކުރަން އުއްމީދުކުރީ. އެހެން ނަމަވެސް މި ވަގުތު މި ބަލަންޖެހެނީ މިހާރުގެ ހާލަތަށް ބަލާނަމަ ރެލިގޭޝަނުން ސަލާމަތްވާން. އެހެން ނަމަވެސް ވަރަށް ދިގު ލީގެއް މިއީ. ވަރަށް ގިނަ މެޗުތަކެއް އެބަހުރި ކުޅެން. ވަރަށް ގިނަ ގޮތްގޮތް ވެގެންދާނެ.

– މޯހަން ބުނެފައިވެއެވެ.

މޯހަން ބުނީ އެންމެ ފަހުން ކުޅުނު ވެލެންސިއާ މެޗުން އީގަލްސް އަށް ލިބުނީ ހައްގު ބައްޔެކޭ ބުނެވިދާނެ ކަމަށާއި އޭގެ ކުރިން ކުޅުނު ތިން މެޗަަކީ އީގަލްސް އިން ރަނގަޅަށް ކުޅެ އެކި ސަބަބުތަކާ ހުރެ އަތުން ގެއްލުނު މެޗުތަކެއް ކަމަށެވެ.

ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމުގެ އުއްމީދު އެބައޮތް. ރީތި ބޯޅައެއް ކުޅުމަށް ވުރެ ހާލަތުގެ ގޮތުން މުހިއްމީ ނަތީޖާ ނެރުން.

– މޯހަން ބުނެފައިވެއެވެ.

ލީގުގައި މާދަމާ ހަވީރު ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ މިއީ ފަހުގެ ތާރީޚެއްގައި އީގަލްސް މިހާ ދަށްކޮށް އޮތްހެން ހީނުވާ ކަމަށާއި، އީގަލްސްއަށް މިހާރު ހުރިހާ ގޮތަކުންވެސް ޕްރެޝަރު ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން މި ހާލަތުން އަރައިގަތުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމަކު ހުރިހާ ކަމެއް މި ވަގުތަށް ހުރީ އީގަލްސްއާ ދެކޮޅަށް ކަމަށްވެސް މޯހަން ބުނެފައިވެއެވެ.

ކުޅުމަށް ބަލާއިރު (އެ މެޗުތަކުގައި) ވަރަށް ރަނގަޅު. ރިޒަލްޓެއް ނުލިބިގެން މި ހުރިހާ މައްސަލަ އަކަށް މި ދިމާވީ. މި ވަގުތު ހުރިހާ ކަމަކަށް ވުރެން މުހިއްމީ ނަތީޖާ. އެ ލިބިއްޖިއްޔާ އެއީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ހަގީގަތުގައި.

– މޯހަން ބުނެފައިވެއެވެ.

އީގަލްސްގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސް ވަމުންދާ ކަމަށާއި، އެހެންކަމުން މި ދަނޑުވަޅުގައި އީގަލްސްގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ލީޑާޝިޕް ބޭނުންވާ ކަމަށެވެ. އަދި ޓީމުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ހުރުމާއެކު، މި ހާލަތުން އަރައިގަތުމަށް ހުރިހާ ކުޅުންތެރިންގެވެސް އެއްބާރުލުން ބޭނުންވާނެ ކަމަށްވެސް މޯހަން ވަނީ ބުނެފައެވެ.

މަސައްކަތުގެ ރޭޓް ރަނގަޅު. މި ސިޓުއޭޝަނުން އަރައިގަންނަން ހުރިހާ ކުޅުންތެރިންގެ އެއްބާރުލުން ވެސް ބޭނުންވާނެ. ޅަ ކުޅުންތެރިން މެޗުއާވާން އަމިއްލަ އަށްކުރަން ޖެހޭ މަސައްކަތް ކުރަން ޖެހޭ.

– މޯހަން ބުނެފައިވެއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު އީގަލްސް ކުޅުނު ފުރަތަމަ ހަތަރު މެޗުން ވެސް މޮޅެއް ލިބިފައިނުވާއިރު، އެ ޓީމު އޮތީ އަށް ޓީމު ވާދަކުރާ މި ލީގުގެ އެންމެ ފުލުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.