ވިލިމާލޭގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ދަނީ އުންމީދުކުރި ވަރަށްވުރެ ލަސްކޮށް ކަމަށް ހާމަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މޫދުއަޑީގެ މަސައްކަތް މިހާރު ނިމިފައިވާ ނަމަވެސް، މަސައްކަތް ކުރިން ހަމަޖެހިފައިވާ ގޮތަށް ނުކުރެވޭތީ، ކުރީގެ ތާރީހަށް ބްރިޖު ނިމޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ މިފަދަ މަސައްކަތްތެއް ކުރުމުގައި ތަޖުރިބާ ނެތް ބައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މަސައްކަތް އަވަސްކުރަން ސަރުކާރުން ކުރެވޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށާ، އެ ސިލްސިލާގައި އިންޑިއާގެ ސަފީރާއެކު މިއަދު ބައްދަލުވުމެއް ބާއްވާނެ ކަމަށް ޑރ. މުއްތަލިބު ވިދާޅުވި އެވެ. މިދިޔަ މެއި މަހު މިނިސްޓަރު ވިދާޅުވެފައިވަނީ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާ، 2026 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް މާލެ އާއި ވިލިމާލެ ގުޅުވައިލެވޭނެ ކަމަށެވެ.
އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ލޯނުން ކުރިއަށްދާ ތިލަމާލެ ބްރިޖް މަޝްރޫއު ހަވާލުކުރީ 2021 ވަނަ އަހަރު އެވެ. ކޯޒްވޭތަކާ ގުޅިގެން މުޅި ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯމީޓަރެވެ.
ކޮމެންޓު ފޮނުވާ