ހުޅުމާލޭ 1 ގެ އިރުމަތީ ފަރާތުގެ ފަރަށް ބޮޑު ގެއްލުމެއް ދީފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. އިއްޔެ އިރު އޮއްސުނު ވަގުތު ދިޔަވަރު ވަރަށް ބޮޑަށް ހިކިފައި އޮތުމުން އެންމެ ރީތި ބީޗާއި ގެސްޓް ހައުސްތައް ގިނަ އެ ސަރަހައްދުގެ ފަރުމަތިން ބަޔަކު މުރަކަ ނަގައި ހަލާކުކޮށްލައިފައިވާ މަންޒަރު ފެނިފައިވެއެވެ.
މަންޒަރު ދުށް މީހުންގެ ބަހުން ވޯޓަ ސްޕޯޓްސްގެ ހިދުމަތްދޭ ބައެއް ކަމަށް ބެލެވޭ ބަޔަކު ޖެޓްސްކީ ފަދަ އުޅަނދުތައް ތޮށިން ފަޅު ބޭރަށް ނުކުމެވޭ ގޮތަށް މަގެއް ހަދަން ދަގަނޑާއި އެކި އާލާތްތައް ބޭނުންކޮށްގެން ފަރުމަތީ މުރަކައަށް ބޮޑު ގެއްލުމެއް ދީފައިވެއެވެ. ހުޅުމާލޭގައި މިގޮތަށް ވޯޓަ ސްޕޯޓްސްގެ އުޅަނދުތަކަށް ޖާގަ ހެދުމަކީ އާންމުކޮށް ކުރާ ކަމެއް ކަމަށް ވެއެވެ.
މައްސަލާ ބަލަން ފެށިފައިވާއިރު، އެންވަރަމެންޓް މިނިސްޓްރީގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ސަމާލުކަމަށް މައްސަލަ އައިސްފައިވާ ކަމަށެވެ. ފަރުމަތީގެ ބައެއް ހިސާބުތަކުގައި މިހާރު މުރަކަ ހެދި ރީތިވަމުން އަންނަ ނަމަވެސް ބައެއް މީހުން މިގޮތަށް ގެއްލުން ދެމުންދާ ކަން ފާހަގަކުރެވިފައިވެއެވެ. މިއީ އެޗްޑީސީން މިދުވަސްކޮޅު ހުޅުމާލެ ޗެނަލް ޕާކްގައި ވެސް ޖެޓްސްކީ ފަދަ އުޅަނދުތައް ދުއްވުން ހުއްޓުވައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ހިނގި ކަމެކެވެ.
ކޮމެންޓު ފޮނުވާ